ރައްޔިތުންގެ މަޖިލިހުގެ ރައީސް ނެތަސް، މަޖިލީހުގެ ރައީސް ވަކިކުރުމާ ގުޅޭ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން އެޖެންޑާކޮށްފިއެވެ.

އާދިއްތަ ދުވަހުގެ އެޖެންޑާ މަޖިލިހުގެ އިދާރާ އިން ނެރުނު އިރު، އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ވެސް ނަޝީދާ ދެކޮޅަށް ހުށަހެޅި ގަރާރުގެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.

Ad
rt

މަޖިލިހުގެ ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީ މަޖިލިހަށް މައްސަލަ ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ނޯޓިސް ދިނުމަށް ފަހު، މަޖިލިހުގެ ޖަލްސާ އަށް އެޖެންޑާ ކުރި ނަމަވެސް އެ ޖަލްސާތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އެއީ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވުމުންނެވެ. މަޖިލިހުގެ އިދާރާ އިން ގަބޫލު ކުރާ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލިހުގެ ނައިބު ރައީސަށެވެ.

އެކަމަކު، އެމްޑީޕީގެ މެމްބަރުން އެކަން ގަބޫލެއް ނުކުރެއެވެ. އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މަޖިލިހުގެ ގަވައިދުގައި މަޖިލިހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި މަޖިލިހުގެ ރަޔާސަތު ބަލަހައްޓަވާނެ މެމްބަރުން ކަނޑައަޅާފައިވާ އިރު، އެ މެމްބަރުންނާ އެކީގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވަނީ ނައިބު ރައީސް އެވެ. އަދި ނައިބު ރައީސް ނެތް ނަމަ، މިފަދަ މައްސަލައެއްގައި ހަދާނެ ގޮތް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި މިއަދު ކުރި ހުކުމްގައި ބުނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލާގައި އެޖެންޑާކުރެވޭ ގަރާރު ހުށަހަޅާ ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި، ގާނޫނުންނާއި، ރައްޔިތުންގެ މަޖިލިސްގެ ގަވާއިދުގެ ދަށުން ލާޒިމްކުރާ އެހެނިހެންކަންކަން ކުރަން ޖެހޭނެ ކަމަށާއި، އެ މައްސަލާގައި އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.

ހުކުމްގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެއް ކަމަށާއި އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒެވެ.