އިންތިގާލީ މަރުޙަލާގައި ދައުލަތުގެ ހަރު މުދަލާއި ފައިސާއާގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ގާނޫނީ އިންތަކުގެ ތެރެއިން ކަންކަން ކުރިޔަށް ގެންދިޔުމަށާއި އިންތިގާލީ މަރުހަލާގެ ރޫހަށް އިހުތިރާމުކުރުމަށް އިންތިގާލީ އޮފީހުން އިލްތިމާސް ކުރައްވައިފިއެވެ.
އެ އޮފީހުން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާއަކީ އާ ސިޔާސަތުތަކަކަށް ރައްޔިތުން އާނބަސް ބުނެ، އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރުމަށް ނިންމި ނިންމުމާ ގުޅިފައިވާ މަރުޙަލާ ކަމަށެވެ. އަދި މި މަރުހަލާގެ ރޫޙަކަށްވާންވާނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ އާ ސަރުކާރުގެ މަސައްކަތްތަކަށް މަގުފަހިވާނެހެން ވެރިކަމުގެ ބާރުތައް ބަދަލުވެގެންދިޔުން ކަމަށެވެ.
އެ ބަޔާނުގައި އާ ސަރުކާރުން ރައްޔިތުންނަށްޓަކައި ތަންފީޒުކުރުމަށް ރާވާފައިވާ ސިޔާސަތުތަކަށް ފުރުސަތު ލިބޭނެހެން ދައުލަތުގެ ހަރުމުދަލާއި ފައިސާއާއި މާލީ މުޢާމަލާތްތައް، ގާނޫނީ ހަމަތަކުގެ މަތީން ރައްކާތެރިކުރުމަށް ވެސް އެދިލައްވާފައި ވެއެވެ.
"ކަން މިހެން އޮތް ހިނދު، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން، ވިޔަފާރީގެ މުޅިން އާ މުޢާމަލާތްތައް މި މަރުޙަލާގައި ފެށުމާއި، މި ފަދަ މުޢާމަލާތްތަކާއި އެއްބަސްވުންތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ، އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެކެވެ.' ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެ ފަދަ ކަންކަން ކުރިޔަށް ގެންގޮސްފައިވާ ގޮތް ބެލުމަށްފަހު، ގާނޫނާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަމާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ވުމާއެކު، މި މަރުހަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން، ގާނޫނީ އިންތަކުގެ ތެރެއިން އެ ފަދަ މުއާމަލާތްތަކާ ގުޅޭ ކަންކަން ކުރިޔަށް ގެންދިޔުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިލައްވައެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެ ފަރާތްތަކަށް ބާރުއަޅުއްވައިދެއްވުމަށް ވެސް އެދިލައްވާފައި ވެއެވެ.
އެ ނުސްބަޔާނުގައި މި ފަދަ މުއާމަލާތްތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރެއްވުމުގެ ބަދަލުގައި، ރައްޔިތުންގެ ނިންމުމަށާއި އިންތިގާލީ މި މަރުހަލާގެ ރޫހަށް އިހުތިރާމުކޮށް، ކަމޭހިތުން އިސްކުރުމަށް ހުރިހައި ފަރާތްތަކަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!