އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުމަށް 22 މިލިއަން ރުފިޔާ އަށް ސިފައިންގެ ވެލްފެއާ ކުންފުންޏާ ހަވާލުކޮށްފިއެވެ.
މުއިއްޒާއި ހުސެއިން ހުވާ ކުރައްވާ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް 3،000 އަށް ވުރެ ގިނަ މީހުންނަށް ދައުވަތު ދިނުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ނިންމައިފައެވެ.
މަޖިލިހުގެ އިދާރާ އިން މިއަދު ބުނީ ހުވާކުރުމުގެ ރަސްމިއްޔާތު އިންތިޒާމު ކުރުމާ ގުޅޭ ކަންކަން ސިވެކްއާ ހަވާލު ކުރީ ޓެންޑަ ބޯޑްގެ ދަށުން ކަމަށެވެ. އެ ރަސްމިއްޔާތުގެ ތައްޔާރީތައް ވުމަށް ޖުމްހޫރީ މައިދާނުގެ ވަށައިގެން ފެންސް ޖަހައި މިހާރު ވަނީ ބަންދުކޮށްފައެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ގަލޮޅު ދަނޑުގައެވެ.
ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، އެ އިންތިހާބު ކާމިޔާބު ކުރެއްވެވި މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. އެމްޑީީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ރައްޔިތުންގެ މަޖިލިހުން ބާއްވަން އޮންނަ އިރު، އެ މަޖިލިހުން ފުރަތަމަ ނިންމާފައި އޮތީ މަޖިލިހުގެ އިދާރާގައި ރަސްމިއްޔާތު ބޭއްވުމަށެވެ. އެކަމަކު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލު ކުރައްވައި، ޖުމްހޫރީ މައިދާނުގައި ބާއްވަން ބޭނުންފުޅުވާ ކަން މުއިއްޒު ވަނީ އަންގަވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!