ކުޑަކުދިންގެ ދިވެހި ވާހަކަތައް ހިމެނޭ މޯބައިލް އެޕް "އޯލަ" އަށް އުރީދޫ މޯލްޑިވްސް ގެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެމް-ފައިސާއާ އެކު ވެވުނު މި ޕާޓްނާޝިޕާއެކު އޯލަ އެޕް ބޭނުންކުރާ ބެލެނިވެރިންނާއި މުދައްރިސުންނަށް މިހާރު އެމް-ފައިސާ މެދުވެރިކޮށް ރައްކާތެރި ކަމާއެކު ފަސޭހައިން ސަބްސްކްރިޕްޝަން ފީ ދައްކާލެވޭނެއެވެ. މިއީ އޯލަ އެޕްގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަން ލިބިގަނެ އެޕް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަަށް އުރީދޫ އިން ބުންޏެވެ.
އޯލަ މީޑިއާގެ ކްރިއޭޓިވް ލީޑް، ސަމާހަތު އިބްރާހިމް ވިދާޅުވީ އޯލަ އެޕަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ޕޭމަންޓް މެތަޑެއްގެ ގޮތުގައި އެމް-ފައިސާ އިންޓަގްރޭޓް ކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަަށެވެ. އަދި އެ މީޑިއާގެއަ އަމާޒަކީ އަބަދުވެސް ފެންވަރު ރަނގަޅު ދިވެހި ބަހުގެ ކޮންޓެންޓް ޒުވާން ކިޔުންތެރިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް އޭނާ ވިދާޅުވިއެވެ.
“އެމް-ފައިސާއާ އެކު މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށް އޯލާ އެޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެން ދިއުމަކީ ޔަގީންކަމެއް." ސަމާހަތު ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވީ ޒުވާން ކިޔުންތެރިންގެ މެދުގައި ދިވެހި ބަސް ކުރިއެރުވުމަށް އޯލަ އެޕްލިކޭޝަނުން ކުރާ މަސައްކަތަކީ ޑިޖިޓަލް ހިދުމަތްތަކުގެ ޒަރިއްޔާއިން ދިވެހިންގެ ދިރިއުޅުން މުއްސަނދި ކުރުމަށް އުރީދޫ އިން ކުރާ މަސައްކަތާ ވަރަށް ފުރިހަމައަށް ގުޅިފައިވާ މަސައްކަތެއް ކަމަށެވެ. އެހެންވެ އެމް-ފައިސާ އިންޓަގްރޭޓްކޮށްގެން، ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އޯލާގެ މުއްސަނދި ދިވެހި ކޮންޓެންޓް ލިބިގަނެ، ޒުވާން ޖީލުގެ މެދުގައި ބަހަށް އޮތް ލޯބި އާލާ ކުރުމަށް އިތުރަށް މަގުފަހި ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ސަގާފީ އަދި ތައުލީމީ ކުރިއެރުމަށް މާނަހުރި ބަދަލެއް ގެނައުމަށް މި މަސައްކަތުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނިޔާޒު ވިދާޅުވިއެވެޡ
އައިއޯއެސް، އެންޑްރޮއިޑް އަދި ޓެބްލެޓްތަކަށް ޑައުންލޯޑް ކުރެވޭ އޯލަ އެޕްލިކޭޝަނަކީ ތުއްތުކުދިންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އާލާ ކުރުމަށް ފަރުމާކޮށްފައިވާ އެޕެކެވެ. އެ އެޕްގެ އެންމެ ފަހުގެ އަޕްގްރޭޑާއެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތަކަށްވެސް ވެސް ފަސޭހަ ކަމާއެކު ލޮގިން ވެވޭނެއެވެ.
މީގެ އިތުރުން ބެލެނިވެރިންނަށް ވަކި ލޮގިންއެއް ހެދޭއިރު ފަސޭހަކަމާއި އެކު ރައްކާތެރި ތަޖުރިބާއެއް ކުދިންނަށް ކި އެޕުން ކަށަވަރުކޮށްދެއެވެ.
އޯލަ އެޕް ބޭނުންކުރާ ފަރާތްތަކަށް ދެ ވާޝަނެއް ހުށަހަޅައިފައިވެއެވެ. އެގޮތުން، "އަޖުމަ" ވާޝަންގައި އެއްވެސް އަގަކާ ނުލައި ދިވެހި ވާހަކަތަކާއި މުނިފޫހިފިލުވުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހިލޭ ކޮންޓެންޓް ލިބޭނެއެވެ. އަދި ޕްރިމިއަމް ކޮންޓެންޓް ބޭނުންވާ ފަރާތްތަކަށް "ކިޔާމާ" ވާޝަނަށް ސަބްސްކްރައިބް ކުރުމުން ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓަށް ލިބިގެންދާނެއެވެ.
ސަބްސްކްރައިބް ކުރަން ބޭނުންވާ ފަރާތްތަކަށް ކޮންމެ މަހަކު 150 ރުފިޔާގެ ސަބްސްކްރިޕްޝަން ނުވަތަ މުޅި އަހަރަށް 1440 ރުފިޔާގެ ސަބްސްކްރިޕްޝަނެއް ނެގޭނެއެވެ.
އޯލަ އެޕްލިކޭޝަނަކީ ބެލެނިވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޮޑު ތަރުހީބެއް ލިބިފައިވާ އެޕްލިކޭޝަނެކެވެ. އޯލަ އެޕް މެދުވެރިކޮށް އެމް-ފައިސާ ދެއްކުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށްޓަކައި، އެންމެ ފަހުގެ ވާޝަނަށް އެޕް އަޕްޑޭޓްކޮށް، ސަބްސްކްރައިބް ކުރާއިރު އެމް-ފައިސާ ހިޔާރުކުރެވޭނެއެވެ. އޯލާ އެޕް https://oala.app/download/ އިން ޑައުންލޯޑް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!