ކުންފުނީގެ އެއްވެސް މުހިންމު ލިޔެކިޔުމެއް ނައްތާނުލައި ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މިހެން ވިދާޅުވީ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައިގެން ކ. ތިލަފުށީގައި އިއްޔެ ނައްތާލަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ ނެރުއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވިދާޅުވެފައިވަނީ އެކުންފުނީގެ މުހިންމު އެއްވެސް ލިޔެކިއުމެއް ކުންފުނިން ނައްތާލާފައި ނުވާނެ ކަމަށާއި ނައްތާލާފައިވަނީ ގިނަދުވަސްވެފައި ހުންނަ، ކުންފުންޏަށް އިތުރަށް ބޭނުންނުވާ ބައެއް ލިޔުންތައް ކަމަށެވެ.
މީގެ އިތުރުން ދައުރުވަމުންދާ ވީޑިއޯ އާ ގުޅިގެން ބަލަންޖެހޭ ކަންކަން އިދާރީ ކަންކަން އެކުންފުނިން ބަލަމުންދާ ކަމަށާއި ދައުލަތުގެ އެއްވެސް އިދާރާއަކުން މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ، އެކުންފުނިން މަރުހަބާ ކިޔާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެކަމާއި ގުޅިގެން އޭސީސީން ވެސް ބަޔާނެއް ނެރެ، ވިދާޅުވެފައިވަނީ ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ ޢަމަލުތަކަކީ، އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ ޢަމަލުތަކެއް ކަމަށެވެ. އެހެންކަމަށް ވުމުން އެފަދަ ޢަމަލުތައް ހުއްޓާލުމަށް އެ އޭސީސީން ވަނީ އަންގާފައެވެ.
މީގެ އިތުރުން އެފަދަކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި އެފަދަ ޢަމަލުތަކުން ދުރުހެލިވެ، ނަޒާހާތްތެރިކަން އިސްކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިލައްވާފައެވެ. އަދި އެފަދަ ޢަމަލު ހިންގާ ކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބޭނަމަ އެކަމުގެ ތަފްސީލީ މައުލޫމާތު އެ ކޮމިޝަނަށް ހުށަހެޅުމަށް ވެސް އެދިލައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!