ރީސައިކަލްކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓްކޮށްފައިވާ އައު ކާޑު ރޭންޖެއް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.

މި ކާޑުތަކަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ކާޑުތަކެކެވެ. އެގޮތުން، ރާއްޖޭގެ ފޮޓޯގްރާފަރުން ނަގާފައިވާ މި ފޮޓޯތަކުން ދައްކުވައިދެނީ ރާއްޖޭގެ ރަށްތަކުން ފާހަގަކުރެވޭ ރެދަން އަދި މުރަކައިގެ ތަފާތު ރީތި މަންޒަރުތަކެވެ.

Ad
rt

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން މި ކާޑުތަކުގެ ޒަރިއްޔާއިން ދައްކުވައިދިނުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ރީތި، ނަމަވެސް ނާޒުކު ވެށި ހިމާޔަތް ކުރުމަށް ކަސްޓަމަރުން މެދުގައި ޒިންމާދާރުކަމުގެ އިހުސާސް އުފެއްދުމަށް އެހީތެރިވުމަށް ބޭންކަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައިވަނީ ރީސައިކަލް ޕްލާސްޓިކްގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ވިޔަފާރީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތެއް ކަމަށްވެސް ސްޓުމްކަ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތިކާޑުތަކެއް ނޫން، މިއީ ދުނިޔޭގެ ތިމާވެއްޓަށް ރައްކާތެރި ކާޑުތަކެއްވެސްމެ"، ސްޓުމްކަ ވިދާޅުވިއެވެ.

އައު ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓަކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފްކުރި ޑިޒައިންތަކެކެވެ. ބީއެމްއެލް ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތައާރަފްކުރި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.