ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އ.ދ ގައި ރާއްޖެއިން ގޮވާލައިފިއެވެ.

ހައްދުފަހަނަ އެޅި އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ޙާލަތު ގޯސްވަމުންދާކަން ފާހަގަކޮށް، މިހާރުން މިހާރަށް ބޭނުންވާ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން އދ. ގައި ގޮވައިލައިފިއެވެ.

Ad
rt

ރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ. ގެ އާއްމު މަޖިލީހުގެ 78 ވަނަ ސެޝަނުގެ އިގްތިސާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ) ގައި އިރުމަތީ ޤުދުސް ހިމެނޭހެން، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާއި ހިފާފައިވާ ސީރިއާގެ ގޯލާންގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް އެބިންތަކުގައި އުޅޭ ޢަރަބި އާބާދީތަކަށް ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާ ގުޅޭގޮތުން ތާވަލުކޮށްފައިވާ މައްސަލައިގެ ޢާއްމު ބަހުސްގައި ރާއްޖެއިން ދިން ބަޔާނުގައެވެ.

އެ ބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަޙައްމަލު ކުރަމުންދާ ދަތި ޙާލު ފާހަގަކޮށްފައެވެ. ހާއްސަގޮތެއްގައި ޣައްޒާގައި މިހާރު ހިންގަމުންދާ ޢުދުވާންތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އާންމު ރައްޔިތުންނާއި އާންމު ބޭނުންތަކަށް ބޭނުންކުރެވޭ އުމްރާނީ ވަސީލަތްތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް ވަނީ ގޮވައިލާފައެވެ.

މީގެ އިތުރުން ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ޣައްޒާގެ ދެކުނަށް ދިއުމަށާއި އެންމެ 6 ގަޑިއިރުތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިސްރޭލުން އެންގި އެންގުމަކީ ބައިނަލްއަގުވާމީ އަދި އިންސާނީ ހައްގުތަކާއި ބެހޭ އެންމެހައި ގާނޫނުތަކާއި ހިލާފު ކަމެއްކަން ފާހަގަކޮށް، އެ އަމުރު އަނބުރާ ގެނައުމަށް ވެސް ރާއްޖެއިން ވަނީ ގޮވައިލާފައެވެ.

އދ ގައި ރާއްޖެއިން އިތުރަށް ވަނީ އާންމުންނާ ހަނގުރާމަވެރިންރާ ތަފާތުކުރުމެއްނެތި ދެވޭ ހަމަލާތަކަކީ "ކަލެކްޓިވް ޕަނިޝްމަންޓް"ކަން ފާހަގަކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

ހަމަމިއާއެކު ހަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ގާއިމުކުރުން ހިމެނޭހެން ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ.

ދާއިމީ، ދެމެހެއްޓެނިވި ޙައްލެއް ލިބެން އޮތީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެން ކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ