މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވުންކަމުގައި އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ދރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީތާ 897 އަހަރު ފުރޭ މުނާސަބާގައި، ތަހުނިޔާއާއި މުބާރަކްބާދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުމަށް ނެރުއްވި ބަޔާނުގައެވެ.

Ad
rt

އެ ބަޔާނުގައި ވިދާޅުވި އިސްލާމް ދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 9 ޤަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށް ވާއިރު، މި ގައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީހީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށެވެ. އަދި ދިވެހީންގެ މިނިވަންކަމާ، ރިވެތި އާދަކާދަތަކާ، މުއްސަނދި ޘަޤާފަތާ، އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.

މީގެ އިތުރުން ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބި ކަމީ، މުޅި ދުނިޔެއަށް ނަމޫނާއެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދުގެ ދުނިޔޭގައި، ފިކުރީގޮތުންނާއި އިގްތިސާދީގޮތުން އަދި އިސްތިރާތީޖީގޮތުން ވެސް ތަފާތު އެކި ގޮންޖެހުންތައް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުރިކަން ވެސް ފާހަގަކުރެއްވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ މިއިން ކޮންމެ ގޮންޖެހުމަކާ ވެސް ދިވެހި ގައުމު އިސްކޮށްގެން، ދިވެހީންގެ މަސްލަޙަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭގޮތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ، 17 ނޮވެމްބަރު 2023 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށެވެ." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މި ގައުމުގެ އިސްތިގުލާލާއި ފަހުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް ވާނެ ކަމަށާއި ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަގުވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށް ވެސް ޕީއެންސީ، ޕީޕީއެމް ސަރުކާރު ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.