މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފޯރުކޮށްދޭ ގްރޭޓާ މާލޭ ފެރީ ހިދުމަތްތައް އާރުޓީއެލް ޓްރެވަލް ޕްލެޓްފޯމަށް ބަދަލުކޮށް، އޮންލައިންކޮށް އަދި ކޭޝް ކާޑު ޓެޕް ކޮށްގެން ޓިކެޓު ނެގޭ ގޮތް ހަދައިފިއެވެ.
މިއަދު ވިލިނގިލީ ފެރީ ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.
އެ ހިދުމަތް ފައްޓަވައިދެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މިއަދުން ފެށިގެން އާރްޓީއެލްގެ ހުރިހާ ހިދުމަތްތަކެއްގައި އެމްޓީސީސީން ބޭނުންކުރާ އައިޓީއެމްސް ޑިޖިޓަލް ޕޭމެންޓް ސިސްޓަމް މެދުވެރިކޮށް، ވިސާ އަދި މާސްޓާ ކާޑު ޓެޕް ކޮށްގެން ޓިކެޓު ކެނޑޭނެ ކަމަށެވެ. މިއީ ވަރަށް ގިނަ ފަރާތްތަކުން ބޭނުންވެފައި ތިބި ހިދުމަތެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހިދުމަތް މީގެ ކުރިން ދެމުން އައީ މާލެ ސަރަހައްދުގެ ބަސްތަކުގައެވެ. ނަމަވެސް ފެރީގައި ވެސް މި ހިދުނަތް ތައާރަފު ކުރުމަށް ކަސްޓަމަރުން އެދެމުން އައިކަމަާާއި މިކަހަލަ ބޮޑެތި ކަންތައް ތަކަކީ ވަގުތު ނަގާ ކަންކަން ކަމުން ހިދުމަތް ފެށުން ލަސްވީ ކަމުގައި އާޒިމް ވިދާޅުވިއެވެ.
މި ހިދުމަތް ތައާރަފު ކުރެވުމާއެކު ވިލިނގިލި އަދި މާލެއާ ދެމެދު ކުރާ ދަތުރުތަކާއި ގުޅިފަޅަށް ކުރާ ދަތުރުތަކާއި ތިލަފުއްޓަށް ކުރާ ދަތުރުތަކަށްވެސް ވިސާ އަދި މާސްޓާ ކާޑު ޓެޕް ކޮށްގެން ޓިކެޓަށް ފައިސާ ދެއްކޭނެއެވެ. ބަސްތަކާއި ފެރީތަކުގެ ޑިޖިޓަލް ޕޭމެންޓް ނިޒާމު އެމްޓީސީސީން ހިންގަނީ ބީއެމްއެލްއާ ގުޅިގެންނެވެ.
އާރުޓީއެލް އެޕް މެދުވެރިކޮށް އަދި ވެބްސައިޓު މެދުވެރިކޮށް ކިޔުއާރް ކޯޑު ޓިކެޓް ގަނެވޭނެއެވެ. އަފި ޓާމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔުއާރް ކޯޑު ލިބެން ހުންނާނެއެވެ.
ކިޔުއާރް ޓިކެޓް ނަގާ ކަސްޓަމަރުން ފެރީއަށް އެރުމަށް ފަހު، ފެރީގައި ހުންނަ މެޝިނާ ދިމާކޮށް ޓިކެޓް ސްކޭންކުރުމުން ދަތުރު ކުރެވޭނެއެވެ. އެމްޓީސީސީން ބުނީ އެޕްލިކޭޝަން އަދި ވެބްސައިޓު މެދުވެރިކޮށް އެއްފަހަރާ 10 ޓިކެޓު ނެގޭނެ ކަމަށެވެ. އަދި އެންމެ ދަތުރަކަށް ނަގާ ޓިކެޓު 7 ދުވަހުގެ ތެރޭގައި ބޭނުން ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.
އެމްޓީސީސީން ބުނީ މިހާރު ބޭނުންކުރާ ޓޮޕްއަޕް ކާޑު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް ކާޑު ޓޮޕްއަޕް ކުރެވޭނެ އެންމެ ފަހު ތާރީހަކީ ޑިސެމްބަރު 1 ކަމަށާއި، އެއަށްފަހު ޑިސެމްބަރު މަސް ނިމޭ އިރު ކާޑުގައި ފައިސާ ހުރި ނަމަ ރިފަންޑަށް އެދުމުން އެކަން ހަމަޖެހިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އާރްޓީއެލް އެޕްލިކޭޝަނުން ދޭ ހިދުމަތްތަކަށްވެސް މިއަދު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މީގެ ކުރިން އެޕްލިކޭޝަން މެދުވެރިކޮށް ފެރީ ނިޒާމުގެ ހިދުމަތަށް ނަގާ ޓިކެޓުތަކުގެ ތާރީހު ބަދަލު ނުކުރެވޭ ނަމަވެސް، މިހާރު ތާރީހު ބަދަލު ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފައެވެ. މިއާއެކު ޓިކެޓް ކެންސަލްކޮށް، ރިފަންޑު ކުރުމަށްވެސް ފަސޭހަ ވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެޕްލިކޭޝަން އަޕްޑޭޓް ކޮށްލުމާއެކު އެ ހިދުމަތް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!