ރާއްޖޭގެ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިޔުމަށް ހެރިޓޭޖް ޓޫރިޒަމް ފަދަ ދާއިރާތައް ހޯދާ ބަލައި ދިރާސާކުރަން ޖެހޭކަމަށް ސިއްހަތާ ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓް ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގާ ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރިކަ ރައްކާކޮށް ހިމާޔަތްކޮށް، އެއީ ބަދަލުވަމުންދާ ވެރިކަމާއެކު ބަދަލުނުވެ އޮތް ހަގީގަތަކަށް ހަދަން ގާނޫނީގޮތުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ފުންނާބުއުސް އަދި އެ ދާއިރާގެ އެއް ބާނީގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ ނަސީމް ވިދާޅުވީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަކީ ދިވެހިން ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރަށް ނެރެދިން ޕްރޮޑަކްޓެއް ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން މިއަދު މި ހިސާބަށް އައުމުގައި މިކޮންސެޕްޓް މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމާއި ކުރިމަތިވީ އެތައް ގޮންޖެހުމަކުން އަރައިގަތުމުގައި "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ނުހަނު ބޭނުންތެރި ކަމަށެވެ.
އެގޮތުން ކޯވިޑްގެ ހާލަތުން އަރައިގަތުމުގައި ވެސް ރާއްޖެއިން ނަމޫނާ ދައްކައިދީފައިވަނީ މި ކޮންސެޕްޓުގެ ސަބަބުން ކަމަށް ނަސީމް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އަދިވެސް ކުރިއަރުވަން ޖެހޭ ކަމަށާއި ހަމައެކަނި ގޮނޑުދޮށްތަކާއި ކަނޑުއަޑީގެ ރީތިކަން އެކަނި ބޭނުންކޮށްގެން ކުރިއަށްދާ ދާއިރާއަކުން، އިތުރު ހަރުފަތަކަށް މިދާއިރާ ގެންދަންޖެހޭ ކަމަށް ވެސް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ގާލާ ނައިޓްގައިވަނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑު ދެއްވާފައެވެ.
މިރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ދާއިރާ ކޮޅަށްޖެހުމުގައި މަސައްކަތްކުރެއްވި އެކި ބޭފުޅުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުންދާ އެކި ފަރާތްތަކުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!