ހުޅުމާލެ ފޭސް 3 ގެ ސައިޓް އޭ ހިއްކުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހަށް ނިންމާލެވޭނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.
އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ސައިޓް އޭ އަށްފަހު ހިއްކުމަށް ހަމަ ޖެހިފައިވަނި ސައިޓް ބީއެވެ. އެހެންކަމުން ސައިޓް ބީގެ މަސައްކަތް ފެށުމަށް އެސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ވީހާވެސް އަވަހަކަށް ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ.
ހުޅުމާލެ ފޭސް 3ގައި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އެކި ބައިތަކަށް ބަހާލައިގެންނެވެ.
މި މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް ކަމަށް އާބަންކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!