އަވަސް އަރުވާލައިގެން, އިންޓަރެސްޓް ބޮޑުކޮށް 300 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން އުޅޭ ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ހަގީގަތާ ޚިލާފު، ދޮގު ޚަބަރެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އިއްޔެ އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ "ރައްޔިތުންގެ ކުންފުނި" މި ސްލޯގަންގެ ދަށުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކޮށްފައިވާނީ ކުންފުނީގެ މަސްލަހަތު އިސްކޮށް، ދިވެހި ޤައުމާއި މުޖުތަމައަށް ޚިދުމަތް ކުރުމުގެ ރޫހުގައި ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގަޔާއި އެމްޓީސީސީން ހޯދާފައިވާ އިތުބާރާއި ރީތި ނަން ކިލަނބުކޮށް ކުންފުނި ބަދުނާމު ކުރުމުގެ ނިޔަުގައި ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފު ދޮގު ޚަބަރު ފަތުރާތީ ހިތާމަ ކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަވަސް އަރުވާލައިގެން ބޮންޑު ވިއްކުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏާއި ކުންފުނީގެ އިސްވެރިން ހޯދާފައިވާ އިތުބާރާއި ލޯބި ފަނޑުކޮށްލުމަށް، ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަމަށް އެމްޓީސީސީން ބުންޏެވެ. އަދި އެ ބޮންޑަކީ ޕްރައިވެޓް އިންވެސްޓަރުންގެ ފަރާތުން ފައިނޭންސް ހޯދުމަށް ކުންފުނީގެ މެނޭޖްމަންޓުން މި އަހަރުގެ މާޗު މަހު ވިއްކަން ނިންމި ބޮންޑެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ބޮންޑަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ރެގިއުލޭޓްކުރާ ފައިނޭންޝަލް އިންސްޓުރުމަންޓެއްކަމުން މިކަމުގެ އިދާރީކަންކަން ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށްފަހު މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ "ވިޔަނަ" ޕޯޓަލްގައި ރެޖިސްޓަރކޮށްގެން ބޮންޑުގެ ފުރިހަމަ މައުލޫމާތު ކޮންމެ މީހަކަށް އާންމުކޮށް ފެންނަން ހުންނާނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ބުނީ މި ބޮންޑަކީ އެ ކުންފުންޏަށް ލިބިފައިވާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާ ވޯކިން ކެޕިޓަލާއި މެޝިނަރީ އަދި މެޓީރިއަލް ހޯދުމުގެ ބޭނުމުގައި ލިސްޓްކޮށްފައިވާ ބޮންޑެއް ކަމަށެވެ. އަދި މިބޮންޑުގެ 9.5 އިންސައްތައިގެ އިންޓަރެސްޓް ރޭޓަކީ މިވަގުތު ރާއްޖޭގެ ކޮމާޝަލް އެވަރެޖް ބޮރޯވިންގ ރޭޓާއި އަޅާބަލާއިރު ބޮޑުތަނުން ކުޑަ ރޭޓެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި ބޮންޑު ލިސްޓު ކުރުމުގެ ހުއްދަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ދީފައިވަނީ 20 ސެޕްޓެމްބަރުގައެވެ.
ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި ހަގީގަތް އޮޅުވާލުމަށް "ދިޔަރެސް" ނޫހުގައި އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމުވާގޮތަށް މިފަދަ ހަޤީގަތާ ޚިލާފު ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މިކަން އެ ނޫހުން ކުރަނީ ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައިކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ވަނީ އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް، ހަގީގަތާ ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!