ބ. ތުޅާދޫ ގައި މަސްކައްކަން ހަދާފައި ހުރި ތަނެއްގައި އަލިފާން ރޯވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެރަށު އިރުމަތީ ބަނދަރު ސަރަހައްދުގައި މަސްކެއްކުމަށް ހާއްސަކޮށްގެން ހަދާފައިވާ ތަނެއްގައެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

Ad
rt

އެރަށުން ވާހަކަ ދެއްކި މީހަކު "ތިލަދުން" އަށް ބުނީ އެތަނަކީ ޕީޕީއެމް ޕީއެންސީ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުހައްމަދު އަތީފްގެ ތަނެއް ކަމަށާއި އަލިފާން ރޯވިކަން އެނގުނީ ފަތިހު 04:30 ހާއިރު ކަމަށެވެ.

އެތަނުގައި އަލިފާން ރޯވެ، ދުން އަރާތަން އެންމެފުރަތަމަ ފެނުނީ އެސަރަހައްދު ބަނދަރުމަތީކައިރި ތިބި ބަޔަކަށް ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެވަގުތުން ފެށިގެން އާންމުންނާއި އެރަށުގައި ތިބޭ ފުލުހުން ގުޅިގެން އަލިފާން ނިއްވާލުމުގެ މަސައްކަތް ފެށި ކަމަށް ވެސް އޭނާ ބުންޏެވެ.

އެ އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި އެތަނުގައި ދަރާއި މަސް ކެއްކުމަށް ބޭނުން ކުރާ ވަރަށް ގިނަ ސާމާނު ހުރިކަން ފާހަގަކޮށް އޭނާ އިތުރަށް ބުނީ އެތަނުގައި ހުރި ތަކެތީގެ އަގު ދެ ލައްކައެއްހާ ރުފިޔާއަށް އަރާނެ ކަމަށް އަތީފް ބުނެފައިވާ ކަމަށެވެ.