އިންޑިއާއާ ގުޅުވައި ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައި އެ ގައުމާއި ރައްޔިތުންނާ މެދުގައި ނަފްރަތު އުފައްދަން ކުރާ މަސައްކަތް ބެލުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިރޭ ގޮވާލައިފިއެވެ.
ރާއްޖެއާ އެންމެ ގާތް ގުޅުމެއް އުފެދިފައި އޮތް އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަންގެ އޮފިޝަލުންނާއި ރާއްޖޭގައި ސުލްހަވެރިކަމާއެކު ދިރިއުޅެމުންދާ އިންޑިއާގެ ބިދޭސީންނަށް ފުރައްސާރަ ކުރުމާއި ބިރު ދެއްކުމުގެ މަގްސަދުގައި ދޮގު ރިޕޯޓުތައް ފެތުރުމުގެ ކެމްޕެއިނެއް ހިންގަމުން ގެންދާ ކަން އެނގިފައިވާ ކަމަށެވެ. މިއީ ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ރާވައިގެން ދައްކާ ދޮގު ވާހަކަތަކެއްގެ ގޮތުގައި ހައި ކޮމިޝަނުން ސިފަކޮށްފައިވެއެވެ.
ދޮގު ހަބަރު ފަތުރަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ރަހްމަތްތެރިކަމުގެ ގުޅުމަށް ނޭދެވޭ އަސަރު ކުރުމުގެ މަގްސަދުގައި ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ބަޔާނުގައިވެއެވެ.
ހައި ކޮމިޝަނުން ބުނީ އިންޑިއާއިން ގެންގުޅޭ "ނެއިބާހޫޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެއަށް ހާއްސަ ކަމެއް ދީފައިވާކަން ފާހަގަކޮށް އެ ބަޔާނުގައިވަނީ ރާއްޖެ އަންނަ އެ ގައުމުގެ މަސައްކަތްތެރިންނާއި ޓޫރިސްޓުންނަށް ވެސް ދިވެހިންގެ މެހެމާންދާރީ އާއި ލޯބި ލިބޭ ކަމަށެވެ.
ދޮގު ހަބަރު ފެތުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި އެކަން ބަލައި ތަހުގީގު ކުރަން އިންޑިއާއިން ވަނީ ރާއްޖޭގެ ސަރުކާރަށް ގޮވާލައިފައެވެ.
ހައި ކޮމިޝަނުން ބަޔާނެއް ނެރެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ރާއްޖޭގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން އަސްކަރީ އެއްވެސް ބޭނުމެއްގައި ހަރަކާތްތެރިނުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!