ވަކި ސަރުކާރެއް ނޫނެވެ. މިހާތަނަށް އައި ހުރިހާ ސަރުކާރު ތަކަކުންނެވެ. އިންތިޚާބަށް ބޯމަތިވުމުން އެންމެ އިސްކޮށް ފަތުރާ ވާހަކަތަކަކީ ފަތުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ ހައްޤުތައް ހިމާޔަތްކޮށްދީ ހައްޤު މިންވަރު ކަށަވަރުކޮށް ދޭނެވާހަކައެވެ.

އިންތިޚާބުތަކުގައި ގަދަ އަޑުން ވެފައިވަނީ ދިވެހިންނަށް ހަމަ އުޖޫރައާއި، ސިނާއަތުގައި އަމިއްލަ ބިމުގައި ކުރަމުންދާ ތަފާތުކުރުން ތަކުން މިންޖުކޮށްދޭނެ ވަޢުދުތަކެވެ. އަމިއްލަ ވަޒަނުގައި އެވަޒަނުން ނެރޭ ނަފާގެ މަންފާ ހުރިހާ މާނައެއްގައި ލިބެންޖެހޭކަމަށް ވަކާލާތުކޮށްދީ، ހައްޤުމިންވަރު އަތަށްލައިދީފިކަމަށް ހީވާ މިންވަރަށް އަހުދުތައް އަމުނައެވެ.

Ad
rt

ނިމުނު ދެސަރުކާރެއް އައުމަށް ހިންގި ކެމްޕެއިންތަކުގައިވެސް މައިގަނޑު ވަޢުދުތައް ހުރީ އުޖޫރައިގެ ކުޑަމިންވަރު ކަނޑައަޅައިދޭނެ ކަމުގެ ޔަޤީންކަމާއި، ފަތުރުވެރިކަމުގެ ނަފާ އެންމެނަށް ލިބިދޭނެކަމުގެ ވަޢުދު ތަކެވެ. ނަމަވެސް އެވަޢުދުތައްވީ ކުލަ ޖެހުނު ވަޢުދުތަކަކަށް ނޫނެވެ.

ނިމުނު ރައީސް ޔާމީންގެ ސަރުކާރުގެ 5 އަހަރު ނިމުނުއިރުވެސް ފަތުރުވެރިންނަށްވީ މައިގަނޑުވައުދު ކަމުގައިވާ ފަތުރުވެރިކަމުގެ ހިއްސާގެ ވާހަކަވެސްވީ ބިލާހަކަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ، ދިވެހި ކޮންމެ ޢާއިލާއަކާއި ގުޅިފައިވާ ސިނާއަތެކެވެ. އެސިނާއަތުން ނެރޭ މަންފާއިން ދިވެހި އާއިލާތަކަށް ލިބިދޭ ހައްޤުތަކަކީ ކޮންމެ ޢާއިލާއެއްގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ކަމެކެވެ. ދިވެހި ކޮންމެއާއިލާއެއްގެ އުންމީދުތަކުން ކޮންމެ އިންތިޚާބަކާ ދިމާކޮށް ސިޔާސީ މީހުން މިވަނީ ސިޔާސީ ފައިދާ ހޯދާފައެވެ.

މިހިނގަމުންދާ ސަރުކާރަށް ބާކީ ހަތަރު އަހަރު އޮތަތީ، މިސަރުކާރުގެ ވަައުދުތައް ފުއްދަން އަދިވެސް އެކަށޭނަ ވަގުތު އޮތްކަމަށް ބަލާނެ ޖާގަ އެބައޮތެވެ. އަދި ރައްޔިތުންތިބީވެސް އެ އުންމީދުގައެވެ.

ސަރުކާރުތަކުން ސަރުކާރުތަކުގެ ވެރިންނަށް ލިބޭ ސީދާ ނުސީދާ މަންފާގެ ސަބަބު އިސްކޮށް، މަދު ބާރުވެރި ވިޔަފާރިވެެރިންގެ މޯހިރަށް ވަދެތިބެ، ސިނާއަތުގެ މަންފާގެ ބޮޑުބައެއް ޤައުމުގެ އަސްކަނިން ބޭރުވުމަށްވެސް ވަރިހަމަވެ ތިބިއިރު ހައްޤުތަކަށް ގޮވާ ދިވެހިންތިބީ އަދިވެސް ހައްޤުތަކަށް ގޮވަގޮވައެވެ.

ސިޔާސީ މީހުންގެ ގުނބޯ ހެއްދުމުން ރައްޔިތުން މިންޖުވެ، ތިބީ ހުޝިޔާރުވެގެންނެވެ. ހޭލުންތެރި މިމުޖުތަމައުން ސިޔާސީ ގޮވެއްޔަށް ޖަވާބު ދޭނެއެވެ. އަދި އެދުވަސް އަންނާނެއެވެ.