އިންޝުއަރެންސާއި ރީބްރޯޑްކާސްޓިން އިތުރުކޮށް، އުރީދޫގެ އަސާސީ ގަވާޢިދާއި ހިންގާ ގަވައިދަށް މުހިއްމު އިސްލާހުތަކެއް ގެނެސްފިއެވެ.

މިއިސްލާހްތައް ގެނެސްފައިވަނީ ރޭ ހޮޓެލް ޖެންގައި ބޭއްވި އުރީދޫގެ ފުރަތަމަ ހާއްސަ އާއްމު ޖަލްސާގައެވެ.

Ad
rt

އުރިދޫގެ އަސާސީ ގަވައިދަށް ގެނައީ މައިގަނޑު ތިން އިސްލާހެކެވެ. އެއީ އިންޝުއަރެންސާއި ރީބްރޯޑްކާސްޓިން ވެސް އުރީދޫން ދޭ ޚިދުމަތްތަކުގެ ލިސްޓަށް އިތުރުކުރުމާއި މޯބައިލް މަނީ ހިދުމަތާ އެކު މާލީ ދާއިރާ އަށް އެ ކުންފުނި ހުޅުވައިލުން އަސާސީ ގަވައިދަށް އިތުރުކުރުމެވެ.

އަސާސީ ގަވައިދަށް ގެނައި މި އިސްލާހުތައް ފާސްކޮށްފަވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 92.38 ޕަސެންޓުންގެ ތާއީދާ އެކުގައެވެ.

އޭގެ އިތުރުން އުރީދޫގެ ހިންގާ ގަވައިދުގެ 10 މާއްދާ އަކަށް އިސްލާހު ގެނައެވެ. އެގޮތުން، ކުންފުނީގެ ހިއްސާދާރުންނާ ގުޅޭ މާއްދާތަކާއި ބޯޑު މީޓިންތައް ބޭއްވުމުގައި އަމަލު ކުރާ އުސޫލުތަކަށް ވަނީ ބަދަލު ގެނެސްފައިވެއެވެ. އަދި އާންމު ހިއްސާދާރުން ކަނޑައަޅާ ބޯޑު މެންބަރުންގެ މުއްދަތު ހިންގާ ގަވައިދުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.

މި އިސްލާހުތައް ފާސްކުރީ ވޯޓުގައި ބައިވެރިވި ހިއްސާދާރުންގެ 92 ޕަސެންޓު ތާއީދާއެކުގައެވެ.

ރޭގެ އާންމު ޖަލްސާގައި އުރީދޫގެ ޖުމުލަ 59 ހިއްސާދާރަކު ބައިވެރިވި އެވެ. އަދި ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި 32 މީހުން ބައިވެރިވެފައިވެއެވެ. އެއީ ހިއްސާދަރުންގެ 75 އިންސައްތައެވެ.

އުރީދޫގެ ދެން އޮންނަ އަހަރީ ޖަލްސާ އަންނަ އަހަރުގެ މާޗް މަހު ބާއްވާނެކަން ބޯޑުން ރޭ ވަނީ އިއުލާން ކޮށްފައެވެ.