ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 5 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ކޯސްޓްގާޑްސް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރްސީސީ) އިން ވިދާޅުވީ މި އެކްސިޑެންޓު ހިނގީ މިރޭ 8 ޖަހާކަންހާއިރު، ހުޅުމާލެ ފަޅަށް ވަންނަ ސަރަހައްދުން ކަމަށެވެ.

Ad
rt

މި އެކްސިޑެންޓުގައި ހިމެނޭ އެއް ލޯންޗަކީ ލިއޯ ޓްރޭޑިން ގެ ލޯންޗެއް ކަމަށާއި އެ ލޯންޗު ދަތުރު ކުރީ އެ ކުންފުނީގެ 8 މުވައްޒަފުންނާއި ލޯންޗުގެ 2 ފަޅުވެރިން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ ލޯންޗުން ދަތުރުކުރި 5 މީހަކަށް ސީރިއަސް އަނިޔާތަކެއްވެ، ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީގައި ފަރުވާ ދެމުން އަންނަކަމަށާއި އެ ލޯންޗު ދުއްވަން އިން މީހާގެ ހާލަތު ކްރިޓިކަލް ކަމަށް ވެސް އެމްއާރްސީސީ އިން ވިދާޅުވެއެވެ.

މީގެ އިތުރުން އަނެއް ލޯންޗުން 13 ފަތުރުވެރިންނާއި 3 ފަޅުވެރިން ދަތުރުކުރި ކަމަށާއި މި ލޯންޗު ދަތުރު ކުރަމުން ދިޔައީ ޖޯއި އައިލެންޑުން އެއާޕޯޓަށް ކަމަށް ވެސް އެމްއާރްސީސީ އިން ވިދާޅުވެއެވެ. އަދި އެ ލޯންޗަށް މާބޮޑު ގެއްލުންތަކެއް ލިބިފައި ނުވާ ކަމަށާއި ހުރިހާ ފަތުރުވެރިން ވެސް ފުރުމަށް އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.

ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބާ ކްރާފްޓުން އަދި މެރިން ޕޮލިހުންވެސް ވަނީ މި ހާދިސާގެ ޚަބަރު ލިބުމާއެކު ހާދިސާ ހިނގި ސަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކު ގެއްލިފައެއް ނުވެއެވެ.