މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މ. އަތޮޅުގައި ދެމުން އައި ފެރީ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕީޑް ފެރީ ހިދުމަތް ފަށައިފިއެވެ.

އެ ކުންފުނިން މި ޚިދުމަތް ފެށީ އިއްޔެއެވެ. މި ޚިދުމަތުގައި ބޭނުންކުރާ ސްޕީޑް ފެރީތަކަކީ 45 ފަސިންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އުޅަނދުތައް ކަމަށް އެމްޓީސީސީން ބުންޏެވެ.

Ad
rt

އެމްޓީސީސީން މ. އަތޮޅުގެ ހުރިހާ ރަށަކަށް ހަފުތާއަކު ތިން ދުވަހު ފެރީގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. ސްޕީޑް ފެރީ ހިދުމަތުގެ ޝެޑިއުލް އެމްޓީސީސީ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

އެމްޓީސީސީން ބުނީ އެއް ހަފުތާގެ މުއްދަތަކަށް މ. އަތޮޅުގައި ސްޕީޑް ފެރީގެ ޚިދުމަތް ދޭނީ ހިލޭ ކަމަށެވެ. ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ދަތުރަށް ޖާގަ ހޯދުމަށް ގުޅަން ޖެހެނީ އެމްޓީސީސީގެ ނަންބަރު 7955508 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެއް ހަފުތާވަންދެން ހިލޭ ދަތުރުތައް ކުރަނީ އާއްމުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް, އެ ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ވެސް މަގުސަދެއް ކަމަށް އެމްޓީސީސީން ބުންޏެވެ.

އެއް ހަފުތާއަށްފަހު މި ފެރީތަކުގައި ދަތުރުކުރެވޭނީ ޓިކެޓް ނަގައިގެންނެވެ. ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާއެކު ހިދުމަތް ދިނުމަށް ތައްޔާރު ކޮށްފައިވާ ވެބްސައިޓް stl.mtcc.mv މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ނެގޭނެއެވެ.