ލ. ހިތަދު އާއި ކުނަހަންދޫ ގުޅާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރީ ހޮނިހިރު ދުވަހުއެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ހިތަދުއާއި ކުނަހަންދޫ ގުޅާލުމަށް ހަމަޖެހިފައިވަނީ އިތުރު ރަށެއްވެސް ހިމަނައިގެންނެވެ. އެއީ އެ ދެރަށް ދޭތެރޭގައި އޮންނަ ފަޅު ރަށެއްކަމަށްވާ މެންދޫއެވެ. މި ތިން ރަށް ކޯޒްވޭއަކުން ގުޅާލުމުން މެންދޫގައި ހިތަދުއާއި ކުނަހަންދޫގެ ރައްޔިތުންނަށް އިގްތިސާދީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ފަހިިވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 22،408 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 390 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 130 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމާއި 225 މީޓަރުގެ ބްރިޖެއް އެޅުމާއި 3،006 އަކަ މީޓަރުގެ ކެރިއެޖްވޭއެއް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މީގެ އިތުރުން 85 މީޓަރުގެ ރިޓެއިނިންގ ވޯލެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަޔް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މިއީ 75.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.