ކޮލެޖު އަދި ޔުނިވާސިޓީގެ ދަރިވަރުންނަށް އެމްޓީސީސީގެ އާރުޓީއެލް ބަހާއި ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދައިފިއެވެ.
އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ފަރާތުން މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ދެމުން އަންނަ އަންމު ބަހުގެ ހިދުމަތާއި މާލެ ސަރަހައްދުގައި ދެމުން އަންނަ ވިލިމާލެ އަދި ހުޅުމާލެ ފެރީ ހިދުމަތުގައި ގްރޭޑް 12 އިން މައްޗަށް ތައުލީމު ހާސިލުކުރަމުން ގެންދާ ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މި ބަދަލާއެކު ކޮލެޖް/ ޔުނިވާސިޓީން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން މިހާރު ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.
އެމްޓީސީސީ ބަހުގައި މިހާރުވެސް ޔުނީފޯމް އަދި އެކްޓިވިޓީ ޔުނީފޯމްގައި ތިބޭ ސްކޫލް ދަރިވަރުންނަށާއި ތިން އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވެއެވެ.
މީގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ވެސް ހިލޭ ދަތުރުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!