އެމްޑަބްލިއުއެސްސީން ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި އިތުރު އާރުއޯ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ނިންމައި، ފެން އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ އެ ކުންފުނީގެ ވޯޓަ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް، ފޯރުކޮށްދެމުންދާ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ބެހެއްޓި އާރުއޯ ޕްލާންޓެކެވެ. މި ޕްލާންޓުން ފެން އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ.

Ad
rt

މިރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވެސް ބައިވެރިވެލެއްވިއެވެ.

މާލޭ ސަރަހައްދުގެ ވޯޓަ ސެކިއުރިޓީ ޕްލޭންގެ ދަށުން، ހުޅުމާލޭގައި ބެހެއްޓި އާރްއޯ ޕްލާންޓުން ދުވާލަކު 3,000 ޓަނުގެ ފެން އުފެއްދާނެވެ. މިއާއެކު، ހުޅުމާލޭގައި ދުވާލަކު ފެން އުފެއްދޭ މިންވަރު ކުރިއާ އަޅާބަލާއިރު އެތައްގުނަ އިތުރުވެ، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވިގޮތެއްގައި ރައްކާތެރި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީ ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، މާލޭ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީއަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމަކީ އެ ކުންފުނީގެ އަމާޒަށްވީއިރު، އެކަން ޔަގީންކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މާލޭގެ އޮޕަރޭޝަން ސެންޓަރު ޑިސެންޓްރަލައިޒްކޮށް، ފެން އުފައްދަމުންދާ މައި އިމާރާތުގެ އިތުރުން، 2 ސަރަހައްދެއްގައި ފެން ޕްލާންޓް ބަހައްޓައި ފެން އުފައްދަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓްވޯކު ގުޅާލުމަށްޓަކައި، ބްރިޖް މެދުވެރިކޮށް ހޮޅި ލައިން އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި، މިސަރަހައްދުގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި، މާލޭ އެސްޓީއޯ ގެ ރެޑިމިކްސް ސަރަހައްދުގައި 13,000 ޓަނުގެ 2 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި، ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި 10,000 ޓަނުގެ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ޝާހު ފާހަގަކުރެއްވިއެވެ.