ދ. ކުޑަހުވަދޫ ބަނދަރު ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

Ad
rt

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 83.33 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 52،386 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކޮށް 5545 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި
50,736 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މީގެ އިތުރުން 180 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 115 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 321 މީޓަރުގެ ސަރަހައްދެއްގައި ވެލި ފުރާފައިވާ ބޭރުތޮށި/ ބޭރު ރިވެޓްމަންޓް ޖެހުމާއި 266 މީޓަރުގެ ސަރަހައްދެއްގައި ވެލި ފުރާފައިވާ ބޭރުތޮށި/ އެތެރޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

އެއްގަމުތޮށި ލުމާއި މޫރިން ބޮއެ ހަރުކުރުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.