ހިޔާ ސަރަހައްދުގައި އިތުރު ބަސް ހުއްޓިއެއް ހުޅުވައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ބަސް ހުއްޓި ހަދާފައިވަނީ ހިޔާގެ 16 ވަނަ ޓަވަރު ކައިރީގައެވެ. މިއީ 14، 15 އަދި 16 ވަނަ ޓަވަރުގައި ދިރިއުޅޭ ގިނަ ބައެއްގެ އެދުމުގެ މަތިން ހުޅުވި ބަސް ހުއްޓިއެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި ބަސް ހުއްޓިއަށް އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R6, R7, R8, އަދި R9 ބަސް ރޫޓުތަކުގެ ހިދުމަތް މިއަދުން ފެށިގެން ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ބަސް ހުއްޓީގެ ސަބަބުން އާރުޓީއެލް ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ލުއިފަސޭހަތަކެއް ވެގެންދާނެ ކަމަށް އެ ކުންފުނިން އުއްމީދު ކުރެއެވެ.

އެމްޓީސީސީން ދަނީ ކަސްޓަަމަރުން އެދޭގޮތަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ދެމުންނެވެ. އެގޮތުން، އެ ސަރަހައްދުގައި އަލަށް އާބާދުވާ ފަރާތްތަކަށް ފަސޭހައިން ދަތުރުފަތުރު ކުރެވޭ ގޮތް ހެދުމަށް މީހުން އާބާދުވާ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ ބަސްހުއްޓިތައް ބަހައްޓައިފައެވެ.