އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، "އުރީދޫ މަސްރޭސް 2023" މާލޭގައި ބާއްވައިފިއެވެ.
މާލޭގައި ފެށި މި މުބާރާތުގައި 34 ޓީމަކުން ބައިވެރިވިއެވެ. މިއީ މާލެއާއި އަތޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތަކަށްވާއިރު މިއަހަރުގެ މުބާރާތުގައި ޖުމުލަ 83 ޓީމަކުން ބައިވެރިވެއެވެ.
މިއަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ.
އުރީދޫން މަސް ރޭސް ފަށާފައިވަނީ މަސްވެރިންގެ ޕާކު ސަރަހައްދުންނެވެ. 34 ޓީމް ބައިވެރިވި މާލެ ސަރަހައްދުގެ ޗެމްޕިއަން ޓީމަކަށް ހޮވުނީ ޓީމް ސޮނީ ފިޝިންއެވެ. އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވުނީ ޓީމް ކުރަންޗީސްގެ ނައުޝާދެވެ. އެންމެ މޮޅު އަންހެން ކެޔޯޅަށް ހޮވުނީ ދިޓިއުން ފިޝިންގެ ފާތުމަތު ފެޒްލީން (ފެޒޫ)އެވެ.
އަދި އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ސޮނީ ފިޝިންގެ ވަލީދެވެ. އޭނާ ބާނާފައިވަނީ މާނިޔާ މަހެކެވެ. އެމަހުގެ ބަރުދަނުގައި 17.54 ކިލޯ ހުއްޓެވެ. މަސްކިރުމުގެ މަސައްކަތް އުސްފަސްގަނޑުގައި ކުރިއަށްދިޔަ އިރު، ހަބޭސް ބޮޑުބެރުގެ ހިތްގައިމު ހަރަކާތްތައް އުސްފަސްގަނޑު ސަރަހައްދުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
އުރީދޫ މަސްރޭސް ފެށުމަށް މަސްވެރިންގެ ޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ އުރީދޫ މަސްރޭހުގައި ގިނަ އަދަދެއްގެ ގްރޫޕްތަކުން ބައިވެރިވެފައި ވަނީ ދިވެހިންގެ ތެރޭގައި މަސްވެރި ކަމަށް އޮތް ލޯތްބާއި ފޯރި އިތުރުވެފައި ވާތީ ކަމަށެވެ. އަދި މިއީ ދިވެހިންގެ ލެޔާއި ދިވެހިންނަކީ އެކަތިގަނޑެއްކަން ދައްކުވައިދޭ ކަމެއް ކަމަށާއި މިއީ ދިވެހި ތާރީހައި ސަގާފަތާ ގުޅިފައިވާ ކަމަށް ވަތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ފުޅާކޮށްފައެވެ.
އެކި ސިޓީތަކުގައި މަސްރޭސް ފަށާ ތާރީހުތައް:
ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11
އައްޑޫ ސިޓީ: އޮގަސްޓް 18
ފުވައްމުލައް ސިޓީ: އޮގަސްޓް 25
ފައިސާގެ އިނާމުތައް:
އެއްވަނަ ޓީމު: 25،000 ރުފިޔާ
ދެވަނަ ޓީމު: 10،000 ރުފިޔާ
ތިންވަނަ ޓީމު: 5،000 ރުފިޔާ
އެންމެ މޮޅު ފިރިހެން ކެޔޮޅު: 1،000 ރުފިޔާ
އެންމެ މޮޅު އަންހެން ކެޔޮޅު: 1،000 ރުފިޔާ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!