ޖަޕާނާއެކު ވިޔަރާރިއާއި އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖަޕާނުގެ ހާރިޖީ ވަޒީރު، ރާއްޖެއަށް ިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދު ބަދަލުކުރެވުނު އެއްބަސްވުންތަކަށްފަހު، ނެރުއްވި ގުޅިފައިވާ ބަޔާނުގައެވެ.
އެ ބަޔާނުގައި ޝާހިދު ވިދާޅުވީ ދެގައުމުން ވެވުނު އެއްބަސްވުމުގެ ދަށުން ވިސާގެ ލުއިފަސޭހައާއެކު ޖަޕާނާއެކު ވިޔަރާރިއާއި އިގްތިސާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށެވެ.
ދެގައުމުގެ ދެމެދުގައި ބޭއްވުނު މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމާއި ދެ ގައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހާރިޖީ ވުޒާރާގައި ބާއްވާފައިވާއިރު، ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދެގައުމުގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތަކަށް ދެގައުމުން ވެސް 90 ދުވަހުގެ މުއްދަތަކަށް ވިސާ އާ ނުލައި އެތެރެވުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖެއަށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ދާއިރާއިން އެހީތެރިވުމުގެގޮތުން ޖަޕާނުން ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް" ޕްރޮގްރާމް 2024 ވަނަ އަހަރު ވެސް ކުރިއަށްގެންދިއުމާއި ގުޅޭ އެއްބަސްވުން ވެސް ހިމެނެއެވެ.
ޖަޕާނު ސަރުކާރުން ހުރިހާ ހަރަދެއްކުރާ ގޮތަށް ހިންގާ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ 10 ދަރިވަރަކު މިވަގުތު ވެސް ޖަޕާނުގައި އަންނަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.
ރާއްޖޭގެ ފަރާތުން މި ދެ އެއްބަސްވުން ބަދަލުކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލެވެ. އަދި ޖަޕާނުގެ ފަރާތުން އެއްބަސްވުންތައް ބަދަލުކުރެއްވީ، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!