ސޭލްސްމަނެއް ކޭޝިއަރެއް ނެތި ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯ އިން ޤާއިމުކޮށްފައިވާ ސްމާޓް ސްޓޯ ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގެ ފިހާރަބަރި (ކުރިން އެސްޓީއޯ ފިހާރަ) ހިންގި ތަނުގައެވެ. މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުވައިދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނު ވަނީ ހިދުމަތްތައް ފަސޭހަ ކުރުމުގެ ރޮނގުން އެސްޓީއޯއިން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައި އެ ކުންފުނީގެ ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.

Ad
rt

އެސްޓީއޯ އިން ބުނިގޮތުގައި މި ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ "އެސްޓީއޯ ސްމާޓް ސްޓޯ" އެޕްލިކޭޝަން ބޭނުންކޮށްގެންނެވެ. އެޕްލިކޭޝަން އަދި އެ އެޕުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓަ ކޮށްފައި ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވެގެންދާނެއެވެ.

ފިހާރަ އަށް ވަންނަ ދޮރުގައި އިންނަ ކިޔުއާރު ކޯޑު ސްކޭން ކޮށްލުމުން ދޮރު ހުޅުވޭ ގޮތަށް ހަދާފައިވާ މި ފިހާރައިން ބޭނުންވާ ތަކެތި ނަގައިގެން ނުކުތުމާއެކު އެޕުގައި އިންނަ ކާޑުން ފައިސާ ކެނޑޭނެއެވެ. އެހެންކަމުން ޗެކްއައުޓު ޕުރޮސެސް އެއް ނޯންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި ކޮންސެޕްޓަކީ ދިވެހިންނަށް މުޅިން އާ ކޮންސެޕްޓެއް ކަމުގައި ވީނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެެކެވެ. އެހެންކަމުން އެ ޓެކްނޮލޮޖީ ބޭނުން ކުރަން ފެށުމާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށްލަދިނުމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް ވެސް އެއްކޮށް ނެތިގެންދާނެ ކަމަށް އެ އެސްޓީއޯއިން ފާހަގަކުރެއެވެ.

މި ފިހާރައިގައި މުއާމަލާތް ކުރުމަށް ބޭނުން ކުރަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ހުންނަ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާ އެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. މި ފީޗާއަކީ ޕާސްވޯޑެއް ޖެހުމަކާ ނުލައި ފައިސާގެ މުއާމަލާތްތައް ކާޑުން ކުރެވޭ ރައްކާތެރި ފީޗާ އެކެވެ. ރާއްޖޭގައި މި ފީޗާ މެދުވެރިކޮށް ހިދުމަތް ހޯދޭނީ ހަމައެކަނި ބީއެމްއެލްގެ ކާޑުތަކުންނެވެ.

އެސްޓީއޯގެ ސްމާޓް ސްޓޯރުން ހަމައެކަނި ލިބެން ހުންނާނީ އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތަކެއް ނޫނެވެ. އެ ފިހާރައޮން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެއެވެ.

އެ ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ވެސް ލިބިފައިވެއެވެ.