މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި "ދަ ޑިމޮކްރެޓްސް" ގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ރަނިން މޭޓު އިއުލާން ކުރައްވާނީ އެ ޕާޓީގެ ޕްރައިމަރީއަށް ފަހުގައި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރަނުން މޭޓަކަށް ވުމަށް ނުވަތަ ރަނިން މޭޓެއް ކަނޑައެޅުމަށް ދެތިން ފަރާތަކާއި މިހާރުވާހަލަ ދައްކާފައިވާ ކަމަށެވެ.
އެހެންނަމަވެސް އޭގެތެރެއިން ރަނުން މޭޓަކަށް ކަނޑައަޅާނީ ކޮން ބޭފުޅެއްކަން އަދިނުނިންމާ ކަމަށް ލަބީބު ވިދާޅުވިއެވެ. އެކަމަކު، އެއީ އެކަމަށް ވަރަށް ގާބިލު ބޭފުޅަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި ކަންކަން ހިނގަމުންދާގޮތާއި ބެހޭގޮތުން އިލްޔާސް ލަބީބު ވިދާޅުވީ ރާއްޖެ މިހާރު މި އޮތް ހާލަތުން އަރައިގަނެ ޑިމޮކްރެޓްސްގެ ސިޔާސަތުތަކާއި އެއްގޮތަށް ހެޔޮ ބަދަލެއް ގެންނަން ޖެހިއްޖެ ކަމަށެވެ. އަދި ހުރިހައި ކަމަކީ ވެސް ޒަމާނާ އެއްގޮތަށް ބަދަލުވާ ކަންތައްތަކެއް ކަމަށެވެ.
މީގެ އިތުރުން އެކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖލީީހުގެ ރައީސް ނަޝީދު އަމިއްލަފުޅަށް ފަހަތަށް ޖެހިވަޑައިގެން ގައުމު ބިނާ ކުރުމުގެ މަސައްކަތުގައި އައު ޖީލަކަށް ފުރުސަތު ދެއްވީ ވަރަށް ބައިވަރު ސަބަބުތަކަކާއެކު ކަމަށް އިލްޔާސް ލަބީބު ވަނީ ފާހަގަ ކުރައްވާފައެވެ.
އަބަދު ވެސް ނަޝީދުގެ ސިޔާސަތުތަކާއެކު ސިޔާސީ މައިދާނުގައި ކުރިއަށް ދިއުމަށް ނިންމާފައިވާ އިލްޔާސް ލަބީބު ވިދާޅުވީ ގައުމު ބިނާ ކުރުމުގައި އެންމެ އިސްކުރަން ޖެހޭނީ ޒުވާނުންގެ އަޑު ކަމަށާއި ދަ ޑިމޮކްރެޓްސް އަކީ ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީއެއް ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީއަށް ހުޅުވާލުމުން އިލްޔާސް ލަބީބު އެކަނި ކުރިމަތިލައްވާފައިވާއިރު، ޕާޓީގެ ޕްރައިމަރީ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމާފައެވެ. އެދުވަހު އޮންނާނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!