މާލޭގައި ހަށި ވިއްކަމުން ދިޔަ ސްޕާއަކުން ބަޔަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ "އަލޯރާ ސްޕާ އެންޑް ސެލޫން" ހަށި ވިއްކަމުންދިޔަ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ހިންގީ ޖުލައި 20 ވަނަ ދުވަހުގެ ރޭ ކަމަށާއި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަނާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި 34 އަހަރުގެ ބިދޭސީ ދެ އަންހެނުންނާއި 43 އަހަރުގެ ބިދޭސީ އަންހެނަކާއި 38 އަހަރު އަަދި 39 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން މި މައްސަލައާއި ގުޅިގެން އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޖުލައި 21 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން ތިން އަންހެނުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށާއިި 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އަދި 39 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!