އަޅުގަނޑުމެންގެ ދަރިންނަށް ގިނަގިނައިން ފޮތް ކިޔައިދީ، އެއާދަ އަށަގެންނެވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދިވެހި ބަހާއި، ޘަޤާފަތާއި އަދި ތަރިކައިގެ މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެންވިދާޅުވީ، ޙުސައިން ޝަޙުދީ ލިޔުއްވާފައިވާ ކުޑަކުދިންގެ ވާހަކަ " މަވެށި " ފޮތްބައި ނެރެދެއްވުމަށް ރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ޔުމްނާ އިތުރައްވިދާޅުވީ، ކުޑަ ކުދިންނަށް ކިޔާލަން ފަސޭހަ އެކުދިންގެ ސަމާލުކަން ލިބޭނެ ގޮތައް ފަރުމާކޮށް ލިޔުމާއި ކުރެހުން ހިމަނައިގެން ވީހާވެސް ގިނަ ދިވެހި ކުޑަކުދިންގެ ވާހަކަތައް ރާއްޖޭގައި ލިބެން ހުރުމަކީ އެކަމަނާ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމަށެވެ. ކުޑަކުދިންގެ ޝައުގު ދަމައިގަންނަހެން ކުރެހުންތަކާއެކު އިނގިރޭސި ބަހުންލިޔެފައި ހުންނަ ގިނަ އަދަދެއްގެ ކުޑަކުދިންގެ ވާހަކަ ފޮތްތައް ރާއްޖޭގެ ބުކްޝޮޕްތަކުގައި ލިބެން ހުންނައިރު، މިފަދަ ދިވެހި ފޮތްތައް ވީހާވެސް ގިނައިން ހުރުން ވަރަށް އެދޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

Ad
rt

ކުޑަކުދިން ދިވެހި ބަހަށް ލޯބި ޖައްސުވައި އެކުދިންނަކީ އެކުދިންގެ އަމިއްލަ ބަހަށް ފަރިތަ މޮޅު ކުދިންތަކަށް ހެދުމަކީ، ޤައުމުގެ ކުރިމަގަށްވެސް ނުހަނު ބޭނުންތެރިކަމެއްކަމަށާއި، އެކަމުގައި މުޅި މުޖުތަމައުގެ ބައިވެރިވުން ބޭނުންވާކަމަށް މިނިސްޓަރ ޔުމްނާ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ޔުމްނާއަކީ، ފެށުނިއްސުރެ ދިވެހި ބަހަށް ހާއްސަ ލޯތްބެއް ބަހައްޓަވައިގެން ދިވެހި ބަހަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ކަނބަލެކެވެ.