ތިލަމާލެ ބްރިޖަށް ހަދަނީ ދުނިޔޭގެ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓުތައް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ބްރިޖުގެ އެންމެ ފަހުގެ މަސައްކަތްތައް ހިއްސާކޮށް މިއަދު ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ބުނެފައިވާ ގޮތުގައޖ، ތިލަމާލެ ބްރިޖުގެ ޕްރީކާސްޓް ސެގްމަންޓްތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެއެވެ.

Ad
rt

ޕްރީކާސްޓް ކުރުމުގެ މަސައްކަތް، މި މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި ކަމަށްވާ އެފްކޮންސްއިން ކުރަމުން އަންނަނީ ގުޅީފަޅުގައި ހުންނަ އެ ކުންފުނީގެ ސައިޓުގައެވެ. އެ ސައިޓުގައި ތަނބުތަކުގެ ލައިނަރސް ފެބްރިކޭޓް ކުރުމުގެ މަސައްކަތާއި ތަނބުތައް ގުޅުވާލާ ސެގްމަންޓުތަކާއި ސުޕަރ ސްޓްރަކްޗަރގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 3 ބުރިޖާއި، ކޯޒުވޭ އަދި މަގުތަކުގެ ނެޓްވޯކު ހަދާއިރު ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.