ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބޮޑަށް ކުރިއަރާނެ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި ރާއްޖެ ހިމެނިއްޖެއެވެ.
ކޮމަންވެލްތުން ހާމަކޮށްފައިވާ ގޮތުގައި މި ލިސްޓުގެ އެއްވަނައިގައި އޮތީ ގުޔާނާއެވެ. އެ ގައުމުގެ އިގްތިސާދު މިއަހަރު 37.5 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
މި ލިސްޓުގެ ދެވަނައިގައި ރާއްޖެ ހިމެނޭއިރު ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވަނީ 7.2 އިންސައްތައަަށެވެ.
ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ކުރިއަރާނެ އިގްތިސާދަކަށް ރާއްޖޭގެ އިގްތިސާދު ލަފާ ކޮށްފައިވާއިރު ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ތެރެއިން ހަތަރުވަނަ އަށް އެންމެ ބޮޑަށް ކުރިއަރާނީ ވެސް ރާއްޖޭގެ އިގްތިސާދު ކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮމަންވެލްތުން ރާއްޖޭގެ އިގްތިސާދު އަންދާޒާ ކޮށްފައިވާއިރު މިހާތަނަށް ވޯލްޑް ބޭންކާއި އޭޑީބީ ފަދަ ތަންތަނުންވެސް ލަފާ ކޮށްފައިވަނީ މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރައިގެންދާަނެ އެންމެ ބޮޑު ސަބަބެއް ގޮތުގައި ލަފާ ކޮށްފައިވަނީ ފަތުރުވެރިކަން ރަނގަޅުވުމެވެ. އެގޮތުން ކޮވިޑުގެ ކުރިން ހުރިވަރަށްވުރެ މިއަހަރު ފަތުރުވެރިކަން ރަނގަޅުވާނެ ކަމަށް މާކެޓް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.
ފަތުުރުވެރިކަމުގެ އިތުރުންވެސް މިއަހަރުގެ މިހާތަނަށް ހުރިހާ ދާއިރާކުންވެސް ރާއްޖޭގެ އިގްތިސާދު ދަނީ ރަނގަޅުވަމުން ކަމަށް މާލީ އިދާރާތަކުގެ ރިޕޯޓުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!