އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، އެގްރޯނެޓުން 2 ބޯޓު ބަންނަން ހަވާލުކޮށްފިއެވެ.
އެގްރޯނެޓުން ދަނޑުވެރިކަމުގެ ބާވަތްތައް އުފުލުމަށް ބޭނުންކުރާ މި ދެ ބޯޓު ބަނުމަށް ހަވާލުކޮށްފައިވަނީ ފިކްސްއިން މެރިން ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ޔޫއެންޑީޕީގެ ޕީޑީއެސްއޭއީ ގެ ދަށުން ބަންނަ ބޯޓުތަކެކެވެ. 65 ފޫޓުގެ ބޯޓަކާއި 45 ފޫޓުގެ މިބޯޓް ފަރުމާކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މެރިން ޕޮލިސްއިންނެވެ.
އެގްރޯނެޓުން ބުނީ މިމަސައްކަތަށް އިކޮނޮމިކް މިނިސްޓްރީއާއި އެގްރިކަލްޗަރ މިނިސްޓްރީގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި މިބޯޓު އޮޕަރޭޓް ކުރާއިރު މުވައްޒަފުން ތަމްރީން ކުރުމާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މޯލްޑިވްސް ޕޮލިސްގެ މެރިން ޕޮލިސްގެ އެހީތެރިކަން ލިބެމުންދާނެ ކަމަށެވެ.
މީގެ އިތުރުން އެ ބޯޓުތަކަކީ ދަނޑުވެރިންނާއި ކޮންސިއުމަރުން ގުޅުވައިދޭ ފައިދާހުރި، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ތައާރަފްކުރުމަށް ކުރަމުންދާ މަސައްކަތުގެ ފެށުން ކަމަށް ވެސް ބުނެއެެވެ.
މި މަޝްރޫއު މަގުސަދަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ދެމެހެއްޓެނިވި، ފައިދާހުރި، އިތުބާރުހުރި، އަދި ވަގުތުން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރުން ކަމަށާއި މިބޯޓުތަކުގެ ސަބަބުން ދަނޑުވެރިންގެ ބާވަތްތައް ތާޒާކަމާއެކު ވަގުތުން ރާއްޖޭގެ އެކި މާރުކޭޓްތަކަށް ފޯރުކޮށްދެވޭނެ ކަމުގެ ބޮޑު ޔަގީންކަމެއް ލިބިގެންދާނެ ކަމަށް ވެސް ބުނެއެވެ.
މި ބޯޓުތައް ފަރުމާކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި އެކު، ގަދަ ކަނޑުތަކުގައި ދުއްވޭގޮތަށާއި ލަފާ ފުރުމުގައި ވެސް ފަސޭހަވާނެ ގޮތަށް ކަމަށް އެގްރޯނެޓުން މައުލޫމާތުދެއެވެ.
މިބޯޓުގައި ދަނޑުވެރިކަމުގެ ބާވަތްތައް ރައްކާކުރުމާއި، ސޯލާ ޕަވާޑް ކޯލްޑް އެންޑް ޑްރައި ސްޓޯރޭޖް ފެސިލިޓީތަކާއި، ކްރޫއަށް އަރާމުކޮށްލަން ތިބެވޭ ކޮޓަރިތައް ހުންނާނެއެވެ. އަދި މި ބޯޓު ފަރުމާކޮށްފައިވަނީ އިރުގެ ހަކަތައިން ކޯލްޑްސްޓޯރޭޖް ބޭނުން ކުރެވޭގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!