ސައުދީ އަރަބިއާގެ އެއާލައިން އަދި މެދުއިރުމަތީގެ އެންމެ އަގުހެޔޮ އެއާލައިން ފްލައިނާސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައީ މިއަދު ހެނދުނު 8:00ގައެވެ. އެ އެއާލައިނަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއޭސީއެލުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވޯޓާ ސެލިއުޓް އެއް ދީފައެވެ.

Ad
rt

ފްލައިނާސްގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ދެންނެވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމާއި، ސައުދިއަރަބިއްޔާއިން ރާއްޖެއަށް ކަޑައަޅުއްވާފައިވާ ސަފީރާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއުގެ އިތުރުން ފަލައިނާސްގެ ސޭލްސް ވައިސް ޕްރެޒިޑެންޓް އަދި ކުންފުނީގެ އިސް އޮފިޝަލުން ބައިވެރިވެލެއްވިއެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ސައުދީ މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ރާއްޖޭގެ އެހެން އެއާޕޯޓުތަކަށްވެސް ފްލައިނާސްގެ އިތުރުން އެހެން އެއާލައިންތަކުން ދަތުރުތައް ކުރުމަށް މަޝްވަރާކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މައުސޫމް ވިދާޅުވީ މީގެ ސަބަބުން މުޅި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ފްލައިނާސް ސޭލްސްގެ ނައިބު ރައީސް، އަލެއިޑީ އަބްދުލެލައް ސުލައިމާން ވިދާޅުވީ ރާއްޖެއަށް ފްލައިނާސްގެ ސީދާ ދަތުރުތައް ފެށުމަކީ އެ އެއާލައިނުން ހިންގަމުން އަންނަ އެކްސްޕޭންޝަން ޕްލޭނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ.

ފްލައިނާސްއިން ރިޔާދް އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު 3 ދަތުރުކުރުމަށް ވަނީ ރާވާފައެވެ. މި ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރުމަށް ބޭނުންކުރާނީ 170 މީހުންގެ ޖާގައިގެ އެއާބަސް 320 ނިއޯ އެވެ.

ފްލައިނާސް އިން ދުބާއީ، އިސްތަންބޫލް އަދި ދޯހާ ގެ އިތުރުން ދުނިޔޭގެ މަޤްބޫލް 38 މަންޒިލަކަށް މިހާރު ވެސް ދަތުރުތައް ކުރެއެވެ.

އެމެރިކާގެ ވާޖިން އެޓްލާންޓިކް އެއާލައިން އިންވެސް މި އަހަރުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.