ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭސް 2023 މިއަހަރުގެ އެޑިޝަން މިއަދު އިއުލާނުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރު މި މުބާރާތް ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގައެވެ. މިއަހަރުގެ މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށެވެ.

Ad
rt

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ވަނީ މާލެ، ކުޅުދުއްފުށި، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭގޮތަށް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައެވެ.

ފެށުނީއްސުރެވެސް އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. މަސްދޯންޏެއްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސް އިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން އުރީދޫ މަސްރޭސް 2023 އިއުލާނުކޮށް އޮންލައިން ޕޯޓަލް http://ore.do/masrace މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މިއަހަރުގެ މުބާރާތް ހަތަރު ސިޓީގައި ބާއްވަން ނިންމީ އެ ކުންފުނިން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދިނުމުގައި 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި އިތުރު ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި މުޖުތަމައުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް އޭނާ ދައުވަތު އަރުވިއެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ޕާޓްނަރަކަށް ވުމީ އެ މިނިސްޓްރީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ މިނިސްޓްރީގެ އަމާޒަކީ، ރާއްޖޭގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމައުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

“މަސްރޭހަކީ މުބާރާތެއްގެ އިތުރުން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަގާފަތް ދައްކުވައިދޭ ހަރަކާތެއްވެސްމެ. މަސްރޭސް އިންތިޒާމުކޮށް، އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން ގެންދާ މަސައްކަތަށް މި ފުރުސަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚުތައް:
• މާލެ ސިޓީ: 4 އޮގަސްޓް 2023
• ކުޅުދުއްފުށި ސިޓީ: 11 އޮގަސްޓް 2023
• އައްޑޫ ސިޓީ: 18 އޮގަސްޓް 2023
• ފުވައްމުލައް ސިޓީ: 25 އޮގަސްޓް 2023

އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު، ގިނަވެގެން 30 ޓީމު ވާދަކުރާނެ އެވެ. 30 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެއެވެ.

މި މުބާރަތަައް ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
• އެއްވަނަ ޓީމް: 25،000 ރުފިޔާ
• ދެ ވަނަ ޓީމް: 10،000 ރުފިޔާ
• 3 ވަނަ ޓީމް: 5000 ރުފިޔާ
• އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
• އެންމެ މޮޅު ފިޝަވުމަން: 1000 ރުފިޔާ

އުރީދޫ މަސްރޭސް 2023 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާައި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.