އދ. ލޮނުބޮއި މަރާމާތުކޮށް ނިންމައި އަތޮޅުގެ ރައްޔިތުން ދަތުރުދިއުމަށް ހުޅުވާލައިފިއެވެ.
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި އެރަށަށް ދަތުރުދިއުމަށް ޚާއްސަ ކުރެވިފައިވާ ދުވަސްތަކަކީ ހުކުރު، ހޮނިހިރު (ސްކޫލް ޗުއްޓީގައި އާދީއްތަ ދުވަސް ހިމަނައިގެން) އެވެ. އަދި ރަށުގައި މަޑުކުރެވޭނީ ހެނދުނު 6 ން އިރުއޮއްސި 6 ޖަހަންދެން ކަމަށެވެ.
މީގެ އިތުރުން މި ދުވަސްތަކުގައި ކުޑަކުދިންނާއި ބޮޑެތިމީހުން ހިމަނައިގެން ދުވާލަކު 50 މީހުންނަށް އެރަށަށް ދަތުރު ދިއުމަށް ހުއްދަ ދެވޭނެ ކަމަށާއި ދަތުރު ދިއުމަށް ބޭނުންވާ ފަރާތްތަކުން ކޮންމެ ހަފުތާއެއްގެ ވެސް ބުދަދުވަހުގެ 8.00 އިން ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ރަޖިސްޓްރީ ކުރުމަށް ވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.
އެ ކައުންސިލުން ވިދާޅުވީ ދަތުރު ދިއުމަށް ފުރުސަތު ދެވޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތަރުތީބުން ކަމަށާއި އެ އަތޮޅު ރައްޔިތުންނަށް ދަތުރު ދިއުމަށް ޚާއްސަކުރެވިފައިވާ ވަގުތުތަކުގައި ޓޫރިސްޓުންނާއި، ޓޫރިސްޓް ރިސޯރޓްތަކަށް ދަތުރު ދިޔުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.
ހަމަމިއާއެކު ލޮނުބޮއި އަށް ދަތުރުދިޔުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވެ، ޖާގަ ހަމަޖެހިފައިވާކަން ޔަގީން ކުރެއްވުމަށްފަހު ދަތުރު ފެށުން އެ ކައުންސިލުން އިލްތިމާސް ކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!