ތިމާވެށި ސާފުކޮށް ރައްކާތެރިކުރުމުގެ މަގްސަދުގައި އާބަންކޯއިން ލޯންޗުކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކްލީން އަޕް ޗެލެންޖެއް ތައާރަފްކޮށްފިއެވެ.

މި ޗެލެންޗު ތައާރަފްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އާބަންކޯއިން ހުޅުމާލޭގައި ބޭއްވި ސާފު ހުޅުމާލެ މެގަ ކްލީން އަޕް އިވެންޓުގެ ތެރެއިންނެވެ.

Ad
rt

އާބަންކޯއިން ތައާރަފްކުރި މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާނީއެވެ. ހޮނިހިރު ދުވަހު ބޭއްވި އިވެންޓަށް ފަހު އާބަންކޯއިން ވަނީ ސްޓެލްކޯއަށް ޗެލެންޖުކޮށްފައެވެ.

މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަޝަންދަތި އަރުވަން ޖެހެއެވެ. ހުޅުމާލޭގައި ބޭއްވި އިވެންޓު ނިންމާލުމަށް ބޭއްވި ރައްމިއްޔާތުގައި އާބަންކޯގެ ފަރާތުން ވާނީ ރަމްޒީ މަޝަންދަތީގެ ފިލާ ސްޓެލްކޯއަށް އަރުވާފައެވެ.

އާބަންކޯއިން ބުނި ގޮތުގައި މި ޗެލެންޖުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ ސާފުކުރުމަށް އާބަންކޯއިން ކުރިއަށްގެންދިޔަ ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުރިއަށްގެންދެވޭ ބޮޑު ހަރަކާތަކަށް ހެދުމެވެ. އަދި ދުނިޔޭގެ ދިމާވެށި ރައްކާތެރިކޮށް ސާފުތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.