އެއީ ނިމުނު 18 ވަނަ މަޖިލީހެވެ. އޭރު މަޖިލީހުގެ ރައީސް އަބްދުالله މަސީހު މަގާމުން ވަކިކުރަން 2017 ވަނަ އަހަރު އިދިކޮޅުން ފެށި މަސައްކަތަށް ޕީޕީއެމްގެ 12 މެމްބަރަކު ވެސް ބައިވެރިވެ ވަޑައިގަތެވެ. ލަސްތަކެއް ނުވެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ހާއްސަ ގާނޫނެއް ހަދައި އަދި އެ ބޭފުޅުން ޕާޓީން ވަކިކޮށް މެމްބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައިފި އެވެ. އެ ހިސާބުން ފެށިގެން 2018 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް މަޖިލިސް އޮތީ މަރު ތަޅު އެޅުވިފަ އެވެ.
ޕީޕީއެމްގެ 12 މެމްބަރަކު ޕާޓީން ވަކިވުމީ އޭރު ގަދަ ބާރުގައި އޮތް ޕީޕީއެމަށް އައި ބޮޑުލޮޅުމެކެވެ. ތާރީޚު އަނެއްކާ އިއާދަވެއްޖެ އެވެ. 2019 ވަނަ އަހަރު މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދި އެމްޑީޕީ ދެ ބައިވެ, އެ ޕާޓީގެ 12 މެމްބަރަކު ޕާޓީން ވަކިވެއްޖެ އެވެ. ގަބޫލު ކުރަން ބޭނުން ނުވިއެއް ކަމަކު އެއީ އެމްޑީޕީއަށް ބޮޑު ލޮޅުމެއް އެރި ކަމެކެވެ.
ދެން އުފަންވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. އީވާ ފަޅީގައި ހުންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ މައްސަލަ އެންމެ ފަހުން އެމްޑީޕީން ވެއްދި އެވެ. ނަމަވެސް އެކި ބަހަނާތަކުގައި މައްސަލަ ކުރިއަށް ގެންދަން މަޖިލީހުން ފުރުސަތެއް ނުދިނެވެ.
ތާރީޚު އިއާދަވެގެން މިފަހަރު ވެސް އައީ މަރު ތަޅަކަށެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމަށްފަހު އަނބުރާ ނެގީ އާންމު ކޮމެޓީ އެކުލަވާނުލެވޭ ކަމަށް ބުނެ އެވެ. ނަމަވެސް މައްސަލަ ހުށަހެޅިތާ މަހެއް ވާން ދާއިރު ކޮމެޓީ އަލުން އެކުލަވާލަން ކުރި މަސައްކަތެއް ފެންނަން ނެތެވެ.
ކޮމެޓީ އަލުން ބަދަލު ނުކުރި ނަމަވެސް އެވަގުތު ތިބި މެމްބަރުންނާ އެކު ކޮމެޓީ ކުރިއަށް ގެންދިއުމަކީ މަޖިލީހުން އަމަލުކުރާ އުސޫލެވެ. އެ ފުރުސަތު ދޭން މަޖިލީހުގެ ރިޔާސަތުން ބޭނުމެއް ނުވި އެވެ. ބޭނުންވީ މައްސަލަ ލަސްކުރާށެވެ. މަސީހުގެ މައްސަލާގައި އޭރުގައި ވެސް އަމަލުކުރި ބީދައިގެންނެވެ.
ތަފާތަކީ އޭރު ރިޔާސަތު އޮތީ އޭރު ވެރިކަން ކުރި ޕީޕީއެމް އަތުގަ އެވެ. އެމްޑީޕީގެ ބަދު ނަސީބަކީ މިހާރު މަޖިލީހުގެ ރިޔާސަތުގެ ކޮންޓްރޯލް އެ ޕާޓީއަށް ނެތުމެވެ. އީވާ އާއި ނަޝީދަކީ ވެސް ސަރުކާރާ ދެކޮޅު ބޭފުޅުންނެވެ.
އިދިކޮޅުން ހުށަހެޅި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީތަނެއް މިހާރު ނޭނގެ އެވެ. މަޖިލީހުގެ ރިޔާސަތުން އެއަށް ޖަވާބެއް ނުދެއްވި އެވެ. ހަމަ މިއާ އެކު, މަޖިލީހުގެ ބޮޑެތި އެތައް ކަމެއް ނުނިމި ތާށިވެއްޖެ އެވެ. ރައްޔިތުންނަށް ބޮޑު ތަކުލީފަކަށްވި, ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގާ ގޮތް އިސްލާހުކުރުން ވެސް މަޑުޖެހިއްޖެ އެވެ.
މުހިންމު އެތައް ކަމެއް ހުއްޓުނެއް ކަމަކު މަޖިލިސް ރިޔާސަތާއި އެމްޑީޕީގެ އެއްވެސް ކަންބޮޑުވުމެއް ނުފެނެ އެވެ. އަދި ސުލްހަވެރި ހައްލެއް ހޯދަން އުޅޭ ތަނެއް ނުފެނެ އެވެ. ކޮންމެ ދުވަހަކު ތިން ހަތަރު ބަޔާން ނެރެ, އެއް ބަޔަކު އަނެއް ބަޔަކާ ޖަދަލު ކުރުން ނޫން ކަމެއް އަދިވެސް ނުފެނެ އެވެ.
މަޖިލީހުގެ ހުރިހާ ކަމެއްހެން ހުއްޓުނަސް, އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ތިބީ ގޮތް ދޫކުރާ ގޮތަށް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އީވާގެ މައްސަލަ އެޖެންޑާ ނުކޮށްފިނަމަ ކޯޓަށް ދާނެ ކަން މިހާރު އިއުލާންކޮށްފި އެވެ.
ރިޔާސީ އިންތިހާބު ގާތްވަމުން އަންނައިރު މަޖިލިސް ތެރެއިން ފެންނަނީ އެމްޑީޕީގެ އެތެރޭގެ ތަޅާފޮޅުމެކެވެ. ރިޔާސީ ޓިކެޓް ގެއްލުމުން ނަޝީދު ބޭނުންފުޅުވީ އާ ޕާޓީއެއް އުފައްދާށެވެ. ނަމަވެސް އަމިއްލަފުޅަށް އެމްޑީޕީން ވަކިވާކަށް ބޭނުންފުޅެއް ނުވި އެވެ. ބެލެވޭ ގޮތުން އެމަނިކުފާނު އެ ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިކުރިހެން އެމްޑީޕީން ވަކިކުރަންދެނެވެ. އެހެނަސް އެމްޑީޕީން އުޅެނީ އަދިވެސް ނަޝީދު ޕާޓީން ވަކިނުކޮށް, މަގާމުން ދުރު ކުރެވޭތޯ އެވެ. މައްސަލަ އެޖެންޑާ ކޮށްފިނަމަ އެކަން ކާމިޔާބު ކުރެވޭނެހާ ވޯޓު މަޖިލިސް ތެރެއިން އެބައޮތެވެ.
ގައުމުގެ ގާނޫނު ހަދާ މަޖިލީހަކީ ޕާޓީތަކުގެ އެތެރޭގެ ތަޅާފޮޅުންތަކުގެ ހަސަދަ އާއި ރުޅިވެރިކަން ބާލާ ތަނަކަށް ވެއްޖެ އެވެ. މަޖިލީހުގެ ގަވާއިދެއް އަދި އެހެން ކަމަކަށް ބެލުމެއް ނެތި އޭރެއްގެ ރިޔާސަތުން ބޭނުންވާ ގޮތަކަށް މަޖިލިސް ކޮންޓްރޯލް ކުރަން އުޅުމުން މަޖިލިސް މަރު ތަޅު އެޅި, ގައުމުގެ ހަމަޖެހުމަށް އޭގެ އަސަރުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!