އެމެރިކާގެ ނިއުކްލިއާ ސިއްރުތަކާއި އަސްކަރީ ޕްލޭންތަކާ ބެހޭ އެތައް ސަތޭކަ ސިއްރު ލިޔެކިޔުންތަކެއް ގާނޫނާ ޙިލާފަށް ބެލެހެއްޓުމުގެ ދައުވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް އުފުލައިފި އެވެ.

37 ދައުވާގައި އޭނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އޭނާގެ ފްލޮރިޑާ ސްޓޭޓްގައި އޭނާގެ އަމިއްލަ ގެކޮޅުގެ ބޯލްރޫމަކާއި ފަހާނާ ތެެރޭގައި ދިފާއީ ސިއްރު ފައިލްތައް ބެހެއްޓުމާއި އަދި އިންވެސްޓިގޭޓަރުންނަށް ދޮގު ހެދި ކަމަށެވެ.

Ad
rt

49 ސަފުހާގެ ދައުވާގައި އެމެރިކާގެ ކުރީގެ ރައީސްއެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ފެޑެރަލް ދައުވާއެއް ހިމަނާފައިވެ އެވެ. އެގޮތުން ޓްރަމްޕް އޭނާގެ ފޮށިތަކުގައި ރައްކާކުރި ސިއްރު ލިޔެކިޔުންތަކުގައި ހިމެނެނީ އެމެރިކާގެ ނިއުކްލިއަރ ޕްރޮގްރާމްތަކާާއި އެމެރިކާއާއި ބޭރު ޤައުމުތަކުގެވެސް ދިފާޢީ އަދި ހަތިޔާރުގެ ޤާބިލުކަން ގައުމުތަކަށް އަސްކަރީ ހަމަލާއަށް ކުރިމަތިވެދާނެ ނާޒުކުކަންތައްތަކާއި ބޭރުގެ ހަމަލާއަކަށް ރައްދު ދިނުމާބެހޭ ޕްލޭންތައް ހިމެނޭ ލިޔުންތަކެވެ.

އެ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ތަހުގީގަށް ހުރަސް އަޅަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.

2024 ވަނަ އަހަރު އަނެއްކާވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޓްރަމްޕް މި ތުހުމަތުތައް ދޮގުކުރައްވައެވެ.

ގާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ބޮޑު ޖަލު ހުކުމެއް އަތުވެދާނެ އެވެ.

ޓްރަމްޕްގެ އަމިއްލަ އެހީތެރިއެއް ކަމަށްވާ ވޯލްޓް ނައުޓާގެ މައްޗަށް ވެސް ދައުވާ އުފުލާފައިވެ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ފައިލްތައް އެފްބީއައި އަށް ފޮރުވަން ފައިލްތައް ބަދަލުކުރި ކަމަށެވެ.

ބަރަހަނާ ފިލްމު ކުޅޭ އަންހެނަކާ ހިންގި ނަހަމަ ގުޅުމެއްގެ މައްސަލާގައި ވެސް ޓްރަމްޕްގެ މައްޗަށް ނިއުޔޯކްގެ ކޯޓެއްގައި ދައުވާކުރެ އެވެ.