ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީގެ "ނަލަ ވެށި" ކެމްޕޭންގެ ދަށުން ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

އެ ކުންފުނީގެ އޮޕަރޭޝަންތައް ހިނގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި މި ހާއްސަ ހަރަކާތްތައް ކުރިއަށްދާނެއެވެ. އެގޮތުން، ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ޚާއްސަ ހަރަކާތެއް ހުޅުމާލޭގައި، މިއަދު ހަވީރު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

Ad
rt

މި ހަރަކާތް ފައްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރް އަބްދުލް ރަހްމާންއެވެ. މިރަސްމިއްޔާތުގައި އެމްޑަބްލައިއުއެސްސީގެ ސީނިއާ މެނޭޖުމަންޓް ޓީމާއި މުވައްޒަފުން ބައިވެރިވިއެވެ.

ހދ.ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި މި މަހުގެ 1-3 އަށް ތިމާވެށްޓާއި މެދުގައި އާންމުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން، ކުޅުދުފުށި ސިޓީ ކައުންސިލާ ގުޅިގެން އެ ރަށުގެ ގޮނޑުދޮށާއި ކުނި ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ.

މިހަރަކާތުގައި ކުޅުދުއްފުށީގެ 20 އަކަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވި ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެެވެ. އަދި އާންމުގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކުޅުދުއްފުށީގެ ސުކޫލްތަކުގައި ކިޔަވަމުންދާ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފު ނުކުރުމަށާއި އަދި ސާފު ބޯފެނާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގައި، "ފެން ފިޔެސްޓާ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ.

"ނަލަ ވެށި" ކެމްޕޭނަކީ ރައްކާތެރި ކަމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ހިތްވަރުދީ، ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ ކެމްޕޭނެކެެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެ ކުންފުނީތެ އޮޕަރޭޝަންތަކުގައި ތިމާވެއްޓާއި ވީހާވެސް ރައްޓެހި ގޮތްތައް ހިޔާރުކޮށް އީޖާދީ ކުންފުންޏަކަށް ވުމަށެވެ.