މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ހަތަރުވަނަ އަހަރީ އާންމު ޖަލްސާ މި ޖޫން މަހުގެ 30 ގައި ބާއްވަން ނިންމާފައިވާ ކަމަށް އެ ޔޫނިއަން އިން ބުނެފިއެވެ.
އެ ޔޫނިއަން އިން ބުނީ ހިންގާ ކޮމިޓީގެ 2 އަހަރު ދުވަހުގެ ދައުރު ނޮވެމްބަރު 2022 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށާއި އައު ހިންގާ ކޮމިޓީއެއް އިންތިހާބު ކުރުމަކީ މި އަހަރީ އާންމު ޖަލްސާގެ މުހިންމު ބައެއް ކަމަށެވެ.
ހިންގާ ކޮމިޓީގެ ހުރިހާ މަގާމަކަށް ވެސް އިންތިހާބު ކުރާނީ ވޯޓުލައިގެން ކަމަށާއި ހިންގާ ކޮމިޓީގެ 5 މަގާމަކަށް މެމްބަރުން ހޮވުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރައީސް، ނައިބު ރައީސް، ޚަޒާންދާރު، އަމީން ޢާންމު އަދި ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމަށް މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޔޫނިއަން އިން ބުނެއެވެ.
ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖޫން ގެ ކުރިން ނަން ހުށަހެޅުމަށް ވަނީ އެދިފައެވެ.
މިއުޒިޝަންސް ޔޫނިއަން އިން ވަނީ މިއީ މިފަދަ އިއުލާނެއް ކުރާ ތިންވަނަ ފަހަރުކަން ފާހަގަކޮށް، ޝަރުތު ހަމަވާ ހުރިހާ މެމްބަރުން ލަސްނުކޮށް ކުރިމަތިލުމަށް މިހާރު ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ ފަރާތުން އިލްތިމާސް ކޮށްފައެވެ.
"މި ޔޫނިއަންގެ ކުރިމަގު މިވަގުތު ބަރޯސާވެފައިވަނީ ފުރިހަމައަށް މަސައްކަތްކުރާ ހިންގާ ކޮމިޓީއެއް އެކުލަވާލުމުގެ މައްޗަށ. އެހެނީ، މި ޖަމްއިއްޔާގެ މަގުސަދުތައް ފުރިހަމަ ކުރުމަށް ވަރުގަދަ ލީޑަޝިޕެއް އޮތުން ވަރަށް މުހިންމު." އެ ޔޫނިއަން އިން ބުންޏެވެ.
މީގެ އިތުރުން ހިންގާ ކޮމިޓީގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމުން ޔޫނިއަން އިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަސްއެޅިގެންދާތީ، ވީ އެންމެ އަވަހަކަށް މަސައްކަތް އަލުން ފަށައިގަތުން މުހިންމު ކަމަށް ވެސް އެ ޔޫނިއަން އިން ބުެނއެވެ.
ހަމަމިއާއެކު މި ޖަމްއިއްޔާގެ އުންމީދުތައް ހާސިލްކުރުމަށްޓަކައި ހިންގާ ކޮމިޓީއަށް ޚިދުމަތްތެރި، ބުރަ މަސައްކަތް ކުރާ މެމްބަރުން ބޭނުންވާ ކަމަށާއި ދިވެހި ފަންނުވެރިންގެ ޝުއޫރުތައް ތަމްސީލުކުރާ މި ޔޫނިއަން އިން އަބަދު ވެސް މަސައްކަތްކުރަމުންދާނީ ހުރިހާ ފަންނުވެރިންގެ ހައްގުތައް ހިމާޔަތްކޮށް، ރާއްޖޭގެ މިއުޒިކީ ސިނާއަތް ކުރިއެރުވުމަށް ކަމަށް ވެސް މިއުޒިޝަންސް ޔޫނިއަން އިން ހާމަކުރެއެވެ.
އެ ޔޫނިއަން އިން ބުނީ މިވަގުތު ޔޫނިއަންގެ މެމްބަރޝިޕްގައި ނުހިމެނުނު ކަމުގައި ވީނަމަވެސް، އެއް ތަސައްވުރެއް ގެންގުޅޭ މިއުޒީޝަނުންނާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ ތެރެއިން ތަރައްގީގެ މި މަސައްކަތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ޔޫނިއަންއާއި ގުޅިގެން މަސައްކަތްކުރުމަށް ދައުވަތު އަރުވ ކަމަށެވެ.
ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކާއި، އެ މަގާމުތަކަށް ކުރިމަތިލުމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ޔޫނިއަންގެ ވެބްސައިޓް www.musiciansunion.mv މެދުވެރިކޮށް، ނުވަތަ ސީދާ އެ ޔޫނިއަން އާ ގުޅާލުމުން ލިބޭނެ ކަމަށް މިއުޒިޝަންސް ޔޫނިއަން އިން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!