ފްލެޓު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިީހަށް ހުށަހަޅުއްވާފައިވަނީ ތިމަރަފުށި ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޕީޖީ ލީޑަރު ، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟު އެވެ.

Ad
rt

އެ މައްސަލައިގާ ރިޔާޟު ވިދާޅުވެފައިވަނީ ރައްޔިތުންގެ އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުުން ފައިސާ ނަގާ، ބޯހިޔާވަހިކަމުގެ ގޮތުން ވިއްކާ ފްލެޓު އިމާރާތްކޮށް ހަވާލުކުރުން ލަސްވަމުންދާ މައްސަލައަކީ ރައްޔިތުންގެ ނުހަނުބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދަމުންދިޔަ ބައެއް ޕްރޮޖެކްޓުތައް ހުއްޓި ކުރިއަށް ނުގޮސް މަކަރާއި ހީލަތުން އެއް ފްލެޓު ގިނަ ފަރާތްތަކަށް ވިއްކާކަމުގެ ތުހުމަތު ކުރެވިފައިވާ ކަމަށާއި ބައެއް ފްލެޓުތައް ނިންމާ ހަވާލުކުރަން ބުނި ތާރީޚު ފަހަނައަޅައި ދިޔުމަކީ ވެސް ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މިގޮތަށް ލަސްވުމުގެ ސަބަބުން މިހާރު ދިރިއުޅެމުންދާތަނަށް ކުލިދެއްކުމުގެ ބުރަ ދެގުނަވެ، އާންމު ރައްޔިތުން ބިކަވެފައިވާއިރުވެސް ކަމާއިބެހޒެ އިދާރާތަކުންނާއި ބެލެނިވެރި ފަރާތްތަކުން އެދެވޭ ފިޔަވަޅު އަޅާތަން ނުފެންނަކަމަށް ވެސް އެ މައްސަލައިގާ ރިޔާޟު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް އެވޯޑު ކުރުމުގައި ބަލަންޖެހޭވަރަށް ނުބެލުމުގެ ސަބަބުން މަސައްކަތް ހަވާލުކުރާ ފަރާތުން އެކިފަރަހަރު އެކިގޮތަށް އުޒުރު ދައްކައި، ރައްޔިތުންގެ ތެރެއިން އެއްބަޔަކު އުމުރުދުވަހު މަސައްކަތް ކޮށްގެން ރައްކާކުރާ ފައިސާކޮޅާއި އަނެއްބަޔަކު ބޮޑެތި ލޯނު ނަގައި ދަރަނިވެރިވެގެން ހޯދާ ފައިސާކޮޅު މަކަރާއި ހީލަތުން ނިގުޅައިގަންނަމުންދާކަން ފާހަގަކޮށްފައި ވެއެވެ.

ރިޔާޟުގެ ކުއްލި މައްސަލައިގާ އިތުރަށް ބުނީ ރައްޔިތުންގެ ހައްގު ރައްކާތެރިކޮށްދޭން އެއްވެސް މުވައްސަސާއަކުން ނޫޅޭ ކަމަށާއި މިފަދަ މައްސަލަތައް ދިގުލައިގެން ދިއުމަކީ މިގޮތަށް ފައިސާދައްކާ ފްލެޓުނުލިބި ގެއްލުން ލިބުނު ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތައް ނުހަނު ކަންބޮޑުވެ، އެފަރާތްތަކަށް އިންތިހާއަށް ގެއްލުންވަމުންދާ ކަމެއް ކަމަށެވެ.