ރ. އަތޮޅުގައި ތަރައްގީކޮށްފައިވާ އެެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ރަސްމީކޮށް ހުޅުވައިފި އެވެ.

ޖުމްލަ 20 ހެކްޓަރުގެ ބޮޑު ރަށެއްގައި ހަދާފައިވާ އެމެރަލްޑް މޯލްޑިވްސް ރިސޯޓުގައި 120 ކޮޓަރި ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 60 ބީޗު ކޮޓަރި އާއި 60 މޫދު ކޮޓަރި އެވެ. މި ކޮޓަރިތައް ހަދާފައި ވަނީ ރަށުގެ ވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ބަލައިގެން، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެ ފަދަ ތަކެތި ބޭނުންކޮށްގެންނެވެ.

މި ރިސޯޓުގައި ހަތަރު ރެސްޓޯރަންޓް ހުންނައިރު މި ރިސޯޓުގެ "އެމެރަލްޑް ސްޕާ" ހަދާފައިވާ ބާލިނީޒް ސްޓައިލަށެވެ.

އެމެރަލްޑް ރިސޯޓުގައި ތަފާތު ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން، ދެ ޓެނިސް ކޯޓާއި ޕެޑަލް ޓެނިސް ކޯޓަކާއި ޑައިވް އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއްގެ އިތުރުން، ކަސްރަތު ކުރަން ބޭނުންކުރާ ހުރިހާ ވަސީލަތްތަކަކާ އެކު ހަދާފައިވާ ޖިމެއް ވެސް ހުރެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބެއްގެ ހިދުމަތް ވެސް ލިބެން ހުރެ އެވެ.
އެމެރަލްޑް މޯލްޑިވްސް ރިސޯޓު ތަރައްގީކޮށް ހިންގަނީ އިޓަލީގެ ރޯމްގައި މައި އޮފީސް ހުންނަ ދަ އެމެރަލްޑް ކަލެކްޝަން އިންނެވެ. މި ކުންފުނިން ރާއްޖޭގެ އިތުރުން، އިރުމަތީ އެފްރިކާ އާއި ކެރީބިއަންގެ ގައުމުތަކުގައި ވެސް ހޮޓާ/ރިސޯޓް ހިންގަ އެވެ. އަދި ޒަންޒިބާރުގައި އިތުުރު ދެ ރިސޯޓް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.

އިޓަލީގެ ކުންފުންޏަކުން ތަރައްގީކުރި މި ރިސޯޓަށް ރަސްމީކޮށް އައި ފުރަތަމަ ގެސްޓުންނަށް މަރުހަބާ ކިޔާފައި ވަނީ މިދިޔަ ބުދަ ދުވަހު އެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!