ކައިވެނި ޕާޓީ ބާއްވާނެ ގޮތާ މެދު ދެމަފިރިންގެ މެދުގައި މަޝްވަރާ ކުރެވޭ ވަރަށް ދިރިއުޅުމުގެ މުހިންމު ކަންކަމާ މެދު މަޝްވަރާ ނުކުރުމަކީ ވަރިވާން ދިމާވާ އެއް ސަބަބު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އާއިލާތަކާބެހޭ ދުވަހާ ގުޅިގެން އިސްގާޒީ މާހިރު ނެރުއްވި ހިތާބުގައިވަނީ ވަރި ގިނަވަނީ ތައްޔާރު ނުވެ ކައިވެނި ކުރާތީ ކަމަށެވެ. އަދި ޕާޓީގެ ކަންކަމަށް މަޝްވަރާ ކުރާ މިންވަރަށް ދިރިއުޅުމުގެ މުހިންމު ކަންކަމާ މެދު މަޝްވަރާ ނުކުރުމަކީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭ ސަބަބެއް ކަމަށް ހިތާބުގައި ބުނެފައިވެ އެވެ.
ދަރިންނަށް އަޅާނުލުމާއި ހަރަދު ނުކުރުމުގެ މައްސަލަ ފާހަގަކޮށް، ހިތާބުގައިވަނީ ދަރިންނަށް ބަފައިން ހަރަދު ނުކުރާތީ މަންމައި ކޯޓުގައި ރޮމުންދާއިރު ދަރިންނާ ބައްދަލު ކުރެވޭނެ ގޮތެއް ހޯދަން ބައްޕައިން ކޯޓުގައި އާދޭސް ކުރަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއް ކަމަށެވެ.
އެހެން ކަންކަން ދިމާވަނީ ހަރަދު ލިބުމާއި މައިންބަފައިންނާއެކު ވަގުތު ހޭދަކުރުމަކީ ދަރިންގެ ހައްގެއް ކަން ނުވިސްނާތީ ކަމަށް އިސްގާޒީ ވިދާޅުވި އެވެ. އަދި އެ ހައްގުން ކުދިން މަހްރޫމް ނުކުރާނަމަ ގިނަ މައްސަލަތައް ހައްލުވާނެ ކަމަށް އެ ހިތާބުގައި ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!