އަތޮޅުތެރޭގައި ކުރިއަށް ގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ހަރަކާތްތައް ފެސިލިޓޭޓަރުން ތަމްރީނުކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީި މިއީ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ރަށްރަށުގައި ބަދަހި އާއިލީ ގުޅުން ގާއިމްކުރުމަށް ހިންގުމަށް ރޭވިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ކަމަށެވެ.

Ad
rt

މިފަދަ ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް މިހައިތަނަށް 17 އަތޮޅެއްގެ 134 ރަށެއްގައި ތަމްރީން ޕްރޮގްރާމް ހިންގައި، 358 މީހުން ތަމްރީނުކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ފެސިލިޓޭޓަރުން ތަމްރީނުކުރުމަށް ހިންގާ މި ޕްރޮގްރާމްގެ މަޤްސަދަކީ ގެވެށި އަނިޔާ އާއި ޢާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރަށްރަށުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ކުރިއަށްގެންދާނެ މީހުން ތަމްރީނުކުރުން ކަމަށެވެ.

މިގޮތުން ކޮންމެ އަތޮޅެއްގައި ވެސް، ހުރިހައި ރަށަކުން މީހުން ބައިވެރިކޮށްގެން ދެ ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް އެ މިނިސްޓްރީގެ ފަރާތުން އަންނަނީ ކުރިއަށްގެންދަމުން ކަމަށް ބުނެއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި، ގެވެށި އަނިޔާ އަކީ ކޮބައިކަމާއި، އަނިޔާ ހިނގާ ގޮތާއި، އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، އަނިޔާ ލިބޭ މީހަކު ދެނެގަންނާނެ ގޮތްތަކުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި އަނިޔާ ލިބޭ މީހަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާއި އަނިޔާ ލިބޭ މީހުންނަށް ރާއްޖޭގައި ފޯރުކޮށްދެވޭ ޚިދުމަތްތަކާއި ގުޅޭގޮތުން ވެސް ބައިވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ޢާއިލާގެ ތެރޭގައި މައްސަލަތައް ކުރިމަތިވާން މެދުވެރިވާ ސަބަބުތަކާއި، އެފަދަ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ އިތުރުން ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ޓްރެއިނިންގ ޕްރޮގްރާމްގައި މައުލޫމާތު ބަދަލުކުރެވުނު ކަމަށް ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފަށައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް މިހައިތަނަށް އައިއިރު ނުހިންގި އޮތް ތިން އަތޮޅަކީ ހއ، ބ އަދި ކ. އަތޮޅު ކަމަށާއިި މި ތިން އަތޮޅުގައި ވެސް އަންނަ ޖޫން މަސް ނިމުމުގެ ކުރިން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި، މި ތިން އަތޮޅުގައި މި ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްގެންގޮސް ނިމޭއިރު، ތަމްރީނުވެފައިވާ ފެސިލިޓޭޓަރުން ރާއްޖޭގެ ހުރިހައި ރަށެއްގައި ވެސް ތިބުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ގެވެށި ގުޅުން ކެމްޕެއިނަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އެ މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ.

ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި ޕްރޮގްރާމަކީ ސަރުކާރުގެ ބަޖެޓުންނާއި، ގެވެށި ގުޅުން ކެމްޕެއިނަށް ޕާކިސްތާނު ސަރުކާރުން ފޯރުކޮށްދީފައިވާ ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.