ފިޓް ރަނަރސްގެ ކިޓް ޕާޓްނަރގެ ގޮތުގައި އެމްއެން މޯލްޑިވްސް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ފިޓް ރަނަރސްގެ ފަރާތުން ސޮއި ކުރީ މީޑިއާ ކޯޑިނޭޓަރ ހުސައިން މަހާސިން އަބްދުލް މުހްސިން އެވެ. އެމްއެން މޯލްޑިވްސްގެ ފަރާތުން ސޮއި ކުރީ ކޯ-ފައުންޑަރ މަޒްހޫރު ރިޔާޒެވެ.

Ad
rt

ފިޓް ރަނަރސް އިން ބުނީ މިއީ އެއް އަހަރުދުވަހަށް ވެވުނު އެއްބަސްވުމެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން އެ ކުލަބުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ދުވުންތަކުގައި ބޭނުންކުރާނެ ރަސްމީ ޖާޒީ އެމްއެން މޯލްޑިވްސް އިން ޚާއްސަ އަގެއްގައި ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އިޝްތިހާރު ކުރުމުގައި ދެފަރާތުގެ އެއްބާރުލުން ދިނުމަށް ވެސް ވަނީ ނިްނމާފައެވެ.

ފިޓް ރަނަރސްގެ ރަސްމީ ޖާރޒީއަކީ އެ ކުލަބުގެ ފައުންޑަރުންނާއި އެކްސްކޯ މެމްބަރުންގެ ޚިޔާލާއި މަޝްވަރާގެ މަތީން އިބްރާހިމް ރަމީޒު (އިބޭ) އާއި އަބްދުލް ހަންނާނު މުހައްމަދު (ހަމްބެ) ފަރުމާކޮށްފައިވާ ޖާޒީ އެކެވެ.

2019 ވަނަ އަހަރު ވުޖޫދުވެ، 2020 ވަނަ އަހަރު ރަސްމީކޮށް އިފްތިތާހު ކޮށްފައިވާ ފިޓް ރަނަރސް އިން އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބާއްވާ އެކި ދުވުންތަކުގައި ބައިވެރިވަމުންނެވެ.

އެގޮތުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި 'ނިއު ދިއްލީ މެރަތަން' ގައި އެ ކުލަބުގެ ދެ ދުވުންތެރިން ބައިވެރިވެ، ހާފު މެރަތަންގައި ވަނީ ދުވެފައެވެ. މި އިވެންޓުގައި އިބްރާހިމް ނާއިފް، އޭޖު ކެޓަގަރީން ގަދަ ދިހައެއްގައި ހިމެނިފައެވެ.

މީގެ އިތުރުން އައި-ރަނަރސް އިން މިއަހަރު ބޭއްވި 'މޯލްޑިވްސް ހާފު މެރަތަން' ގައި ބައިވެރިވެ، 10 ކިލޯ މީޓަރު ރާސްތާގެ އެއްވަނަ އާއި ހާފު މެރަތަންގެ 3 ވަނަ އެ ޓީމުން ވަނީ ހޯދާފައެވެ.

10 ކިލޯ މީޓަރުގެ ދުވުމުން އެއްވަނަ ހޯދީ ކުޅުދުއްފުށި ސީޓިއަށް އުފަން މުހައްމަދު މިރާސް އެވެ. މިއީ އޭނާ މިފަދަ އިވެންޓެއްގައި ބައިވެރިވި ފުރަތަމަ ފަހަރުވެސް މެއެވެ. މި އިވެންޓުގެ ހާފު މެރަތަން ކެޓަގަރީން 3 ވަނަ ހޯދީ އެ ކުލަބުގައި ހިމެނޭ ބަންގްލަދޭޝްގެ ދުވުންތެރިއެއް ކަމަށްވާ މުހައްމަދު ޖޮވެލް އެވެ.

މީގެ އިތުރުން އެއްވެސް އިވެންޓެއްގައި ބައިވެރިވެފައި ނުވާ 30 މީހުން ވެސް މުޅިން އަލަށް މި އިވެންޓުގައި ދުވެ، 5 ކިލޯ މީޓަރުގެ ރާސްތާގެ ދުވުން ނިންމާފައިވުމަކީ އެކުލަބުން އުފަލާއެކު ފާހަގަކުރާ ކަމެކެވެ.

ފިޓް ރަނަރސް އިން ބުނީ އެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މި ފެށޭ ޖޫން މަހު ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ 'އާރޯ އެމްވީ ރަން' އަށް ކަމަށެވެ. އެ އިވެންޓުގައި ވެސް އެ ކުލަބުގެ ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވާނެ ކަމަށް ވެސް ފިޓްރަނަރސް އިން ބުނެއެވެ.