އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގެ ޓީމުން ހިޔާ ޔޫނިއަންގެ ރައީސް އާ ބައްދަލުކޮށްފިއެވެ.

'ތިލަދުން' އަށް މައުލުމާތު ދެމުން ހިޔާ ޔޫނިއަން އިން ބުނީ އެމެރިކާގެ "އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް" ގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ޓީމުން ބައްދަލުކޮށްފައިވަނީ މިއަދު ކަަމަށެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ލިބިދޭ އާންމު ހިދުމަތްތަކާއި ހިދުމަތުގެ ފެންވަރު އޮޅުންފިލުވާފައިވާ ކަމަށް ވެސް އެ ޔޫނިއަން އިން ބުނެއެވެ. އަދި ހިދުމަތްތަށް ލިބިގަތުމުގައި ހުރި ދަތިތަކުގެ މައުލޫމާތު ވެސް އޮޅުން ފިލުވާފައިވާ ކަމަށް ބުނެއެވެ.

މީގެ އިތުރުން ހިޔާގެ ރައްޔިތުން ދިރިއުޅެމުން ގެންދާގޮތާއި ހިޔާ ފުލެޓަށް ބަދަލުވުމުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާގޮތާއި މެދު ވެސް ސުވާލުކޮށް، މައުލޫމާތު އޮޅުން ފިލުވާފައިވާ ކަމަށް ހިޔާ ޔޫނިއަން އިން ބުންނެވެ.

އެ ޔޫނިއަން އިން އިތުރަށް ބުނީ ސަރުކާރުގެ ހިދުމަތްތަކާއި ހިޔާގެ ރައްޔިތުން ކުރިމަތިލާ ގޮތާއި އެކަމުގައި ހުރި ދަތިތަކާއި ފަސޭހަ ކަންކަން ހުރިނެތްގޮތުގެ ވާހަކަ ވެސް އަހާފައިވާ ކަމަށެވެ.

މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ހިޔާ ފުލެޓުގައި ހުޅުމާލެ ފޭސް 2ގައެވެ.