ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން މި އަހަރު އެންމެ ބާރަށް ކުރިއަރާނީ ރާއްޖޭގެ އިގުތިސާދު ކަމަށް ވޯލްޑް ބޭންކުން ލަފާ ކޮށްފިއެވެ.

މިދިޔަ މަހު ވޯލްޑް ބޭންކުން ނެރުނު މޯލްޑިވްސް ޑެވެލޮޕްމަންޓް އަޕްޑޭޓުގައި ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖޭގެ އިގުތިސާދު ދާނީ ކުރިއަރަމުންނެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމުގެ ސަބަބުން އެހެނިހެން ސިނާއަތަކަށްވެސް އޭގެ ހެޔޮ އަސަރު ކުރަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަކަން ފާހަގަކޮށް ވޯލްޑް ބޭންކުން ބުނީ ފަތުރުވެރިކަން ކޮވިޑުގެ ކުރިން އޮތް މިންވަރަށް މި އަހަރު ރުޖޫއަވާނެ ކަމަށެވެ. އަދި މި އަހަރަށް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރަށް ކުޑަކޮށް ދަށްވި ނަމަވެސް، ދެކުނު އޭޝިއާގެ އިގުތިސާދުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގުތިސާދަކީ ރާއްޖޭގެ އިގުތިސާދު ކަމަށް ބުންޏެވެ.

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 7.1 އިންސައްތަ އިތުރުވެ، 1.8 މިލިއަނަށް އަރާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ. މީގެ ސަބަބުން މެދުރާސްތާގައި ރާއްޖޭގެ އިގުތިސާދު އެވްރެޖުކޮށް ހަ އިންސައްތަ ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން އިތުރުވާނެއެވެ. އަދި އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނި ހުރި މިންވަރުވެސް 106 އިންސައްތައަށް މިއަހަރު ދަށްވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

އިގުތިސާދީ ދުވެލި ރަނގަޅު ނަމަވެސް ރާއްޖެއަށް އަދިވެސް ގޮންޖެހުންތަކެއް ހުރިކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. އެގޮތުން ޖީއެސްޓީ ނަގާ މިންވަރު އިތުރުކުރި ނަމަވެސް ސަރުކާރުން ސަބްސިޑީއަށް ގެންނަށް ބަޖެޓުގައި ހިމެނި ބަދަލުތައް މި އަހަރު ތަންފީޒު ނުކުރެވިއްޖެ ނަމަ މި އަހަރުވެސް ސަބްސިޑީއަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އަދި މުސާރައިގެ އޮނިގަނޑުތަކަށް ގެނައި ބަދަލުތަކާއެކު ސަރުކާރުގެ ރިކަރަންޓް ހަރަދުވެސް އިތުރުވާނެ ކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ބުރަ ލޯނުތައް ނަގަމުން ދިއުމަކީވެސް ކަންބޮޑުވުމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.