ރ. ކިނޮޅަހުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
މިއީ ޕްލޭނިން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 46.55 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން 31،726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 15،252 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރު ބޭސިން ފުންކުރުމާއި 1،920 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 6،001 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 172.30 މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މީގެ އިތުރުން 285 މީޓަރުގެ ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 1،884 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބީކަން ހަރުކުރުމާއި މޫރިންގް ބްލޮކްސް ހަރުކުރުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ ކޮށްފައެވެ.
އެމްޓީސީސީން ބުނީ މި ބަނދަރާ އެކު، ކިނޮޅަހު ރައްޔިތުންނަށް ލަފާފުރުމުގައި އެތައް ލުއިފަސޭހައަކާއި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އަދި ބާރުބޮޑުވެފައިވާ އެ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާ އެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!