މީޓަރުގެ ރީޑިން ނުނަގައި ބިލްކޮށްފައިނުވާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
‏‎
އެ ކުންފުނިން މިހެން ބުނީ މީޓަރު ރީޑިން ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާކަމަށް އޮންލައިން ނޫހަކުން ރިޕޯޓު ކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެ ކުންފުނިން ބުނީ"މީޓަރުގެ ރީޑިން ނުނަގައި ސްޓެލްކޯއިން ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފި" މި ސުރުޚީގެ ދަށުން 2023 މޭ 1 ގައި އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމަނައިގެން ލިޔެފައިވާ ޚަބަރެއް ކަމަށެވެ.

މީގެ އިތުރުން އެ ޚަބަރަކީ އެ ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއްކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

Ad
rt

‏‎ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކަރަންޓުބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގެ މައްޗަށް ކަމަށެވެ. އަދި މީޓަރުގެ ރީޑިން ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުންކޮށް މިންވަރައްކަމަށް ވެސް ބުންޏެވެ.

ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ އަދަދު ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެކަމަށާއި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރާ މިންވަރު (ރީޑިން) ފެންނަން ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކޮވިޑް-19 ގެ ހާއްސަ ހާލަތުގައި މީޓަރުގެ ރީޑިން ނެގުމަށް އަމަލުކުރަމުން އައި ގޮތް 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އުސޫލަށް އިޔާދަކުރެވިފައިވާ ކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ ކޮވިޑް-19ގެ ހާއްސަ ހާލަތުގައި ކަރަންޓު ރީޑިން ނެގުމަށް ޢަމަލުކުރި އުޞޫލަށް މިހާރުވެސް ރީޑިން ނަގާކަމަށް އެ ޚަބަރުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަމުގެ ހަގީގަތަށް ވާސިލްވުމަށް އެއްވެސް މަސައްކަތެއްނުކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ގަސްދުގައި ކޮށްފައިވާ ކަމެއްކަމަށެވެ.

‏‎ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބްރުވަރީ އިން މޭ މަހާ ހަމައަށް މައްޗަށްދާކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށާއި މިކަމާއި ގުޅިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނިން ހޫނު މޫސުމުގައި ޢާންމުން ހޭލުންތެރިކުރުވައި، ތަކުރާރުކޮށް ކަރަންޓު އިގްތިޞާދު ކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށްވާއިރު ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނާނެ ކަމެއްނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަދި، އެއީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އަސާސްތަކެއްވެސް ނޫން ކަމަށާއި އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މި އަސާސްތައް ދެމެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.