ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ޤައުމަށް ޚިޔާނާތްތެރިނުވާ އަދި ޤައުމުގެ މިނިވަންކަން ހިފަހައްޓަވާ ބޭފުޅުންތަކަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރައީސް ސާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީ ނާދިރު ކަމެއްކަމަށެވެ.
"ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ޤައުމަށް ޚިޔާނާތްތެރިނުވާ އަދި ޤައުމުގެ މިނިވަންކަން ހިފަހައްޓަވާ ބޭފުޅުންތަކަށް." އަދުރޭ ވިދާޅުވިއެވެ.
މީގެއިތުރުން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތު ގެއްލުވާލާފައިވާތީއާއި ދިވެހިންގެ ބިމުން ބޮޑުބައެއް ދޫކޮށްލާފައިވާތީ ރައީސް ސާލިހު މަގާމުން އަޒުލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ރައީސް އަޒުލުކުރުމުގެ މަސައްކަތް ޕީޕީއެމްއިން ފެށިކަމަށް އެ ކޯލިޝަނުން ބުނިއިރު، މަޖިލީހުގައި، އެ ކޯލިޝަނަށް ނިސްބަތްވާ ތިއްބެވީ 8 މެމްބަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކި ކުރުމަށް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ވަކި އިޖުރާއާތުތަކެއް ކަނޑައަޅާފައި ވެއެވެ. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތް ބާރެކެވެ.
އެ މާއްދާގައި ބުނާ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ރައީސް މަގާމުން ދުރުކުރުމަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ (1) އިސްލާމް ދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން، (2) ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކުރުން، (3) ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން، މިއެވެ.
މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރައީސް މަގާމުން ދުރުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަކީ، އެކަމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމެވެ. އެފަދަ ގަރާރެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުން ކަމަށް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވެއެވެ.
އެ ފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅިއްޖެ ހިނދެއްގައި މަޖިލީހުގެ އިދާރާ އިން އަމަލު ކުރަންވީ ގޮތުގެ އިޖުރާއާތުތައް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ)ގެ ނިޔަލަށް ބަޔާންކޮށްފައި އެބަ އޮތެވެ. އަދި އެ އިޖުރާއާތުތަކުގެ ތަފްސީލުތައް މަޖިލީހުގެ ގަވާއިދުގެ 172، 173 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
އެ އިޖުރާއާތުތައް ފުރިހަމަ ކުރުމަށް ފަހު ނަގާ ވޯޓެއްގައި، ރައީސްގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި (މިހާރުގެ އަދަދުން ބަލާ ނަމަ 57 މެމްބަރުން)ގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ، އެމީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަޒުލުވީއެވެ.
ވެރިކަން ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު މަޖިލީހުގައު މިހާރުވެސް އޮތްއިރު، މަޖިލީހުގެ މެމްބަރުންގެ އަދަދު 68 އަށް ވަނީ އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!